އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ މެރަތަންގެ ޕަރޓްނަރުންނާއެކު އެގްރިމެންޓް ސޮއިކޮށްފި

10 މޭއި 2018     11 months ago


އައްޑޫ މެރަތަންގެ ޕަރޓްނަރުންނާއެކު އެގްރިމެންޓް ސޮއިކޮށްފި

އައިރަނާސްގެ ފަރާތުން އިންތިޒާމްކޮށްގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 'އައްޑޫ މެރަތަން' ގެ ޕަރޓްނަރުންނާއެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އީކުއޭޓަރ ވިލެޖްގައި ކުރިއަށްދިޔަ މިރަސްމިއްޔާތުގައި އިވެންޓުގެ ހޯސްޓިންގ ޕަރޓްނަރުގެ ގޮތުގައި އައްޑޫސިޓީ ކައުންސިލް، ޑިޖިޓަލް ޕަރޓްނަރުގެ ގޮތުގައި އޫރީދޫ މޯލްޑިވްސް، އެކޮމޮޑޭޝަން ޕަރޓްނަރުގެ ގޮތުގައި އީކުއޭޓަރ ވިލެޖް އަދި ބްރޮންޒް ސްޕޮންސަރގެ ގޮތުގައި ޝަންގްރިއްލާ ވިލިނގިލި ރިސޯޓުން ވަނީ ސޮއި ކޮށްފައެވެ.

މިރަސްމިއްޔާތުގައި އައްޑޫސިޓީ ކައުންސިލުގެ ފަރާތުން ޕަރޓްނަރޝިޕް އެގްރީމެންޓްގައި ސޮއި ކުރެއްވީ މޭޔަރ އަބްދުﷲ ޞާދިޤްއެވެ.

އައްޑޫ މެރަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ. އިވެންޓްގެ އެކްސްޕޯ ޖޫން 27 އަދި 28 ވަނަ ދުވަހު އީކުއޭޓަރ ވިލެޖްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު އެކްސްޕޯގެ ތެރެއިން މެރަތަންގައި ބައިވެރިވާ ފާރާތްތަކަށް ރޭސް ކިޓް ދޫކުރެވޭނެއެވެ.

މިފަހަރުގެ މެރެތަންގައި 4 ކެޓަގަރީއަކުން ދުވުންތެރިންނަށް ވާދަކުރެވޭނެއެވެ. އެއީ 5 ކިލޯމީޓަރ، 10 ކިލޯމީޓަރ، 21 ކިލޯމީޓަރ އަދި 42 ކިލޯމީޓަރ ގެ ދުވުމުވެ. މިއިން ކޮންމެ ކެޓަގަރީ އަކުންވެސް އަންހެން އަދި ފިރިހެން ދުވުންތެރިން ވަކިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ. އަދި އެއްވަނައަށްދާ ފަރާތްތަކަށް -/7500 ރުފިޔާ، ދެވަނައަށްދާ ފަރާތްތަކަށް -/3750 ރުފިޔާ އަދި ތިންވަނައަށްދާ ފަރާތްތަކަށް -/2500 ރުފިޔާ އިނާމެއްގެ ގޮތުގައި ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

އައްޑޫ މެރަތަންގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިމަހުގެ 20 ވަނަ ދުވަހާ ހަމަޔަށް ރަޖިސްޓްރޭޝަން ވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓަރ ކުރެއްވުމަށް 'އައްޑޫ މެރަތަން' ރެޖިސްޓްރޭޝަން ލިންކް އަށް ވަދެވަޑައިގެން ފޯމް ފުރިހަމަ ކުރެއްވުމުން މެރަތަންއަށް ރަޖިސްޓްރީވެގެންދާނެއެވެ.