އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށް ސަރަހައްދުގެ ޗެމްޕިއަންކަން ރާއްޖެ އަތުލައިފި

15 ސެޕްޓެމްބަރ 2018     3 months ago


ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށް ސަރަހައްދުގެ ޗެމްޕިއަންކަން ރާއްޖެ އަތުލައިފި

ބަންގްލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި މިރޭ ކުޅުނު ސާފް ސުޒުކީ ކަޕް 2018 ގެ ފައިނަލް މެޗް ކާމިޔާބުކޮށް ރާއްޖެ ދެވަނަ ފަހަރަށް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ރާއްޖެ މިމެޗް ކާމިޔާބު ކުރީ މުބާރާތް އެންމެ ފަހުން ކާމިޔާބުކުރި އިންޑިޔާއާއި ވާދަކޮށް 1-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މިރޭގެ މެޗުގައި ރާއްޖެއިން ޖެހި ދެ ގޯލްގެ ތެރެއިން ފުރަތަމަ ގޯލް ޖަހާފައިވަނީ  މެޗުގެ 19 ވަނަ މިނިންޓުގައި ނާއިޒް ހަސަން (ދާދު) ދިން ބޯޅައަކުން އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. އިންޑިއާގެ ޑިފެންސުން ކުރި މަސައްކަތް ނާކާމިޔާބުކޮށް އިއްބެ ހަމަޖެހިލައިގެން އިންޑިއާގެ ގޯލް ކީޕަރު ބޯމަތިން ގޯލް ތެރެއަށް ވައްޓާލި ބޯޅަ ވަރަށްވެސް ފުރިހަމައެވެ. ރާއްޖެއިން ޖެހި ދެވަނަ ގޯލްވެސް އެހާމެ ރީއްޗެވެ. މެޗުގެ 66 ވަނަ މިނިންޓުގައި ހަމްޒާ މުޙައްމަދު (ހަމްޕު) ދިން ހިތްގައިމު ތްރޫ ޕާހަކުން ރާއްޖޭގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

ރާއްޖެއިން ދެ ގޯލްޖަހައި ލީޑް އަތުލިކަމުގައިވިއަސް އިންޑިއާއިން ވަނީ ފަހު ވަގުތާ ޖެހެންދެންވެސް ނަތީޖާ ބަދަލުކުރެވޭތޯ ވަރަށް މަސައްކަތް ކޮށްފައެވެ. މިމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ އިތުރު ގަޑީގެ ގޮތުގައި ލިބުނު ފަސް މިނިޓުގެ ކުޅުމުގެ ތެރެއިން އިންޑިއާ ވަނީ ލަނޑެއް ޖަހައި ރާއްޖެއިން ހޯދާފައިވާ ލީޑް ހަނިކޮށްފައެވެ. ނަމަވެސް ރާއްޖޭގެ ޑިފެންސުން ދެއްކި ހިތްވަރާއެކު މެޗް ނިމިގެންދިޔައީ އިންޑިއާއަށް އިތުރު ލަނޑެއް ކާމިޔާބުނުވެ ރާއްޖެ މެޗުން މޮޅުވެގެންނެވެ.

މިމުބާރާތުގެ  އެންމެ ގިނަ ގޯލް ޖަހައި ރަން ބޫޓު ހޯދާފައިވަނީ އިންޑިއާގެ މަންވީރު ސިންގ އެވެ. އަދި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ރާއްޖޭގެ ކީޕަރު މުޙައްމަދު ފައިސަލްއެވެ.