އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވެރިކަން ބަދަލުކުރުމުގެ މަރުހަލާއާއި ގުޅިގެން އިންތިޚާބީ ރައީސްގެ އޮފީހުން އައްޑޫސިޓީ ކައުންސިލާ ބައްދަލުކޮށްފި

18 އޮކްޓޯބަރ 2018     3 weeks ago


ވެރިކަން ބަދަލުކުރުމުގެ މަރުހަލާއާއި ގުޅިގެން އިންތިޚާބީ ރައީސްގެ އޮފީހުން އައްޑޫސިޓީ ކައުންސިލާ ބައްދަލުކޮށްފި

ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ކުރިޔަށް އޮތް 5 އަހަރަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް، އޮނަރަބަލް އިބްރާހިމް މުޙައްމަދު ސޯލިހް އިންތިޚާބުވުމާ ގުޅިގެން، ވެރިކަން ބަދަލުކުރުމުގެ މަރުހަލާ އޮމާންކަމާއެކު ކުރިއަށް ގެންދިޔުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން މިއަދު އައްޑޫސިޓީ ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން ދެއްވި ދައުވަތަކަށް މިއަދު ހެނދުނު އެއޮފީހުގައި ކުރިއަށްދިޔަ ބައްދަލުވުމުގައި އައްޑޫސިޓީ ކައުންސިލްގެ ފަރާތުން މޭޔަރ އަބްދުﷲ ޞާދިޤާއި، ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފާއި، ދާއިރާ ތަކުގެ ކައުންސިލަރުން، އަދި ކައުންސިލްގެ އިދާރާގެ ޒިންމާދާރުވެރިޔާ ބައިވެރިވެޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގައި ކައުންސިލަށް ލިބިގެންވާ ބާރުތަކާއި، ކައުންސިލުން އާންމުންނަށް ފޯރުކޮށްދޭނެ ޚިދުމަތްތަކާއި، އިންތިޚާބީ ރައީސް އޮނަރަބަލް އިބްރާހިމް މުޙައްމަދު ސޯލިހުގެ ރިޔާސީ ވަޢުދުނާމާއި ގުޅޭގޮތުންނާއި، ސަރުކާރު ބަދަލުވުމުގެ ފަހުން ފުރަތަމަ 100 ދުވަހު ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

އިންތިޚާބީ ރައީސް އޮނަރަބަލް އިބްރާހިމް މުޙައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި އައްޑޫސިޓީގެ ތަރައްޤީއަށް ގިނަ ވައދުތަކެއްވަނީ ވެވަޑައިގަންނަވާފައެވެ. އަދި ނިމިގެންމިދިޔަ ރިޔާސީ އިންތިޚާބުގައި ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ރައީސް ޔާމީންގެ ސަރުކާރުން އައްޑޫސިޓީ ކައުންސިލްގެ އަތުން ނެންގެވި ބާރުތައް އަލުން ދެއްވައި، ފުރިހަމަ ލާމަރުކަޒީ ނިޒާމަކުން އިދާރާތައް ހިންގުމުގެ ފުރުސަތު ދެއްވާނެކަމަށްވެސް ވަނީ ވައުދުވެވަޑައިގަންނަވާފައެވެ.