އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގެ ކަރަންޓުގެ ހާލަތާ ގުޅޭގޮތުން ކައުންސިލުން ފެނަކައާ މަޝްވަރާކުރައްވައިފި

29 ނޮވެމްބަރ 2018     2 weeks ago


އައްޑޫގެ ކަރަންޓުގެ ހާލަތާ ގުޅޭގޮތުން ކައުންސިލުން ފެނަކައާ މަޝްވަރާކުރައްވައިފި

އައްޑޫސިޓީގެ ކަރަންޓުގެ ހާލަތު ހުރިގޮތް އޮޅުންފިލުއްވުމަށާއި އެކަމުގެ މަޝްވަރާތައް ކުރެއްވުމަށް އައްޑޫސިޓީ ކައުންސިލުން ފެނަކައިގެ ބައެއް އިސްވެރިންނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުމުގައި ފެނަކައިގެ ފަރާތުން މަޢުލޫމާތު ދެއްވީ ޑިރެކްޓަރ، މުޙައްމަދު އާސިމްއާއި، ސީނިއަރ އިންޖިނިއަރުން މައުސޫމް ޝަކޫރު އަދި އިބްރާހިމް ފަރީދެވެ.

އައްޑޫގެ ކަރަންޓު އިރުއިރުކޮޅާ ކެނޑެމުންދާ މައްސަލައާއި ގުޅިގެން އެހެންދިމާވާންޖެހޭ ސަބަބާއި އިންޖީނުގޭގެ ހާލަތު ދެނެގަތުމަށް ކައުންސިލުން ބޭއްވި މިބައްދަލުވުމުގައި ޑިރެކްޓަރ އާސިމް ވިދާޅުވިގޮތުގައި އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބި އެހާ ޒަމާންވީ އެންމެ ބޮޑު ސަބަބަކީ ކޮންމެ ފަހަރަކުވެސް މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅަކީ އެވަގުތައް ކަންކަން ރަނގަޅުކުރެވޭ ވަރުގެ ކަމަކަށް އެކަންވާތީ ކަމަށެވެ. މިސާލެއްގެ ގޮތުން އާސިމް ވިދާޅުވީ، އައްޑޫއަށް ބޭނުންވަނީ 6 މެގަވޮޓް ކަރަންޓު ކަމަށްވާނަމަ، ގެންނަނީ ކިރިޔާ އެވަރަށް ކަރަންޓު އުފެއްދޭ ވަރަށް ކެޕޭސިޓީ ކަމުން ދެން ކިރިޔާ ޖެނެރޭޓަރަކަށް މައްސަލައެއްޖެހި ސާވިސްކުރަން ޖެހުމުން ކަރަންޓު ކަނޑާލަންޖެހޭ ކަމަށެވެ.

"މިހާރުގެ ސެންޓްރަލް ޕަވަރ  ސްޓޭޝަންގެ ހާލަތު ވަރަށްވެސް ދަށްކޮށްހުރީ. އޭގެ ސަބަބުން ރަނިންގ ކޯސްޓް އަދި މެއިންޓަނެންސް ކޯސްޓްވެސް މަތިވެގެންދޭ"

އާސިމް ވިދާޅުވިގޮތުގައި މިހާރު އިންސްޓޯލްކޮށްފައި ހުރި 1.6 މެގަ ވޮޓް ސޯލާ ސިސްޓަމުން އުފެއްދެނީ ގާތްގަޑަކަށް 800 ކިލޯވޮޓް ގެ ކަރަންޓު ކަމަށެވެ. އަދި ބެޓްރީ ސިސްޓަމެއް ނެތުމުގެ ސަބަބުން އަވި ލިބޭ މިންވަރު މަދުވާ ގަޑީގައި ކުއްލިއަކަށް އެއްކޮށް އެލޯޑް ނަގަންޖެހެނީ ޖެނެރޭޓަރުންނެވެ. އޭގެ ސަބަބުން ކަރަންޓު ކެނޑޭގޮތް ދިމާވާ ކަމަށެވެ.

އާސިމް ވިދާޅުވިގޮތުގައި މިހާރު ހުރި މައި ދެ އިންޖީނުގެ ތެރެއިން އެއް އިންޖީނުގެ ޑައިނަމޯ ހަލާކުވެފައިވާ ކަމަށެވެ. އަދި އޭގެ ސްޕެއަރ ހޯދައި މަރާމާތުކުރުމަށް 6 މަސް ވަރު ނަގާނެކަމެށެވެ.

މިބައްދަލުމުގައި ފެނަކައިގެ އިންޖިނިއަރުންގެ ޓީމަކުން އަމިއްލައަށް އިސްނަގައިގެން އައްޑޫގެ ކަރުންޓުގެ ހާލަތު ދިރާސާކޮށް ކުރިއަށްއޮތް 6 އަހަރަށް ކަރަންޓު އުފައްދާނެކަމަށް ލަފާކުރާ މިންވަރާއި އެވަރަށް ކަރަންޓު ފޯރުކޮށްދޭނެގޮތުގެ ދިރާސާ ރިޕޯޓެއް ކައުންސިލަށް ވަނީ ހުށަހަޅާފައެވެ.