އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ކައުންސިލާ ބައްދަލުކުރައްވައިފި

7 ޑިސެމްބަރ 2018     5 years ago


ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ކައުންސިލާ ބައްދަލުކުރައްވައިފި

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މިހާރު އައްޑޫއަށް ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން އައްޑޫސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުމަކީ އައްޑޫސިޓީގެ ސިއްޙީ ނިޒާމުގެ ހާލަތު ބައްލަވާލެއްވުމަށް މިނިސްޓަރު އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި ސިއްހީ ދާއިރާގެ ކަންކަމާއި ގުޅޭގޮތުން ކައުންސިލާއެކު މަޝްވަރާކުރެއްވުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި އެމަނިކުފާނާއެކު ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރާއި އިތުރު ބައެއް އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވިގޮތުގައި އައްޑޫސިޓީގެ ސިއްޙީ ނިޒާމުގެ ހާލާތު، އަދި ވަކިން ހާއްސަކޮށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ހާލަތު ވަރަށް ބޮޑަށް ދަށްކަން ގަބޫލުފުޅުކުރައްވާ ކަމަށެވެ. ނަމަވެސް އައްޑޫގައި  މިހާރު ޤާއިމްކުރަމުންދާ ޓާޝަރީ ހޮސްޕިޓާލްގެ މަސައްކަތް ނިމުމާއެކު ފަސޭހަތަކެއް ލިބިގެންދާނެކަމުގެ އުއްމީދުތައް އެބަހުރި ކަމަށެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި އައްޑޫސިޓީގެ ސިއްޙީ ނިޒާމު ވެއްޓިފައިއޮތް އަނދަވަޅުން އަރައިގަނެ ރަނގަޅުކުރުމަށްޓަކައި ސިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލާއި، ސިއްޙީ ޙިދުމަތްދޭ ތަންތަން ވަކިވަކި ތަންތަނުގެ ގޮތުގައި މަސައްކަތްކުރުމުގެ ބަދަލުގައި އެއަށްވުރެ ބޭރަށް ވިސްނުން ގެނެސް ގުޅިލާމެހިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެގޮތުގެ މަތީން އައްޑޫސިޓީގެ ސިއްޙީ ނިޒާމު ބައްޓަންކުރަންޖެހޭކަމަށެވެ.

ކަންކަން ރޭވުމުގައި ވީހާވެސް ގުޅިގެން ޚިދުމަތް ދިނުމާ ގުޅޭ ގޮތުން ވާހަކަފުޅެ ދައްކަވަމުން މިނިސްޓަރު ވިދާޅުވިގޮތުގައި އެމްބިއުލާންސްތަކާއި ޕެރެމެޑިކްގެ ޚިދުމަތާއި ދޭތެރޭ ޤައުމީ ތަސައްވުރެއް އެބަހުރި ކަމަށެވެ. " ކޮންމެ ސިއްޙީ މަރުކަޒެއް ކޮންމެ ހޮސްޕިޓަލެއް ވަކިވަކި އެމްބިއުލާންސް ޚިދުމަތް ދިނުމުގެ ބަދަލުގައި ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް، އެޚިދުމަތަކީ ސެންޓްރަލައިޒް ޚިދުމަތަކަށްވެފައި، އެއްނަބަރަކަށް ގުޅުއްވައިގެން ޙިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ގޮތަކާމެދު މިނިސްޓްރީގެ ވިސްނުންހުރީ"، މިނިސްޓަރު ވިދާޅުވިއެވެ. ހަމައެއާއެކު މެޑިކަލް ޓޫރިޒަމްވެސް އާންމުން އަތްފޯރާ ހިސާބަށް ގެނެސް، ގެސްޓްހައުސްތައް ގިނަ ރަށްރަށުގެ ސިއްޙީ ޙިދުމަތްދޭ ތަންތަން އެގޮތަށް ބައްޓަން ކުރުމަށް މިނިސްޓްރީގެ ވިސްނުން އެބަހުރިކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީންގެ މިދަތުރުފުޅުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި، އައިއެމްޑީސީ ހޮސްޕިޓަލާއި، މަރަދޫ އަދި ފޭދޫ ސިއްޙީ މަރުކަޒާއި، މަރަދޫފޭދޫގައި ޤާއިމްކުރެވިފައިވާ ދަމަނަވެއްޓަށް ޒިޔާރަތްކޮށް ކަންކަން ހުރިގޮތް މިނިސްޓަރު ވަނީ ބައްލަވާލައްވާފައެވެ. މީގެއިތުރުން އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި މިހާރު ޤާއިމް ކުރަމުންދާ 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތްވެސް އެމަނިކުފާނު ވަނީ ބައްލަވާފައެވެ.