އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

3 ފެބުރުއަރީ 2019     5 years ago


އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ މުޙައްމަދު ހަމީދު އައްޑޫސިޓީއާއި ފުވައްމުލަކު ސިޓީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މިއަބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ މުޙައްމަދު ހަމީދާއެކު ޑެޕިއުޓީ ކޮމިޝަނަރ އަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހަމީދު ވިދާޅުވިގޮތުގައި އައްޑޫސިޓީއަކީ އާބާދީ ބޮޑު ސަރަހައްދަކަށްވެފައި ފުލުހުންގެ މަސައްކަތް ވަރަށް ފުޅާކޮށް އޮންނަންޖެހޭ ކަމަށެވެ. ހާއްސަކޮށް ރައްޔިތުންނާއި ފުލުހުންގެ ދެމެދު އޮންނަ އިތުބާރާއި ގުޅުން ރަނގަޅުކޮށް ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމަށްޓަކައި އެކަށޭނެ ފިޔަވަޅުތަކެއް އެޅުއްވުމަށް މިހާރު މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

ހަމީދު ވިދާޅުވިގޮތުގައި ފުލުހުންގެ މަސައްކަތް ހަރުދަނާކޮށް ހިންގުމަށްޓަކައި ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ތަރުތީބު ކުރެވިގެންދާ ގޮތަކަށް އެއްކުރުމުގެ މަސައްކަތް މިހާރު ފެށިގެން ދާ ކަމަށާއި، މިއަހަރުގެ މާރިޗް މަހުގެ ތެރޭގައި ޕްލޭންގެ މަސައްކަތް ނިންމައި ލޯންޗް ކުރެވޭނެ ކަމެށެވެ.

މިއަދުގެ ބައްދަލުވުމުގައި މޭޔަރ އަބްދުﷲ ޞާދިޤްވަނީ އައްޑޫގައި ފުލުހުންގެ އަދަދު މަދުކަން ފާހަގަކޮށްފައެވެ. މޭޔަރ ވިދާޅުވިގޮތުގައި އައްޑޫގެ އާބާދީއަށް ޚިދުމަތް ދެވޭވަރަށް ފުލުހުންގެ އަދަދާއި ވަސީލަތްތައް ނެތްކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށް މޭޔަރ ވަނީ އެދިވަޑައިގެންފައެވެ. މޭޔަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޓޫރިސްޓް ޕޮލިސްގެ ޚިދުމަތާއި ޓްރެފިކް ޕޮލިސްގެ ޚިދުމަތް އައްޑޫސިޓީއަށް ތަޢާރަފް ކުރުން މުހިންމު ކަމަށެވެ.

 

ޕޮލިސް ޓްރެއިނިންގ ސްކޫލާމެދު ހުރި ކަންބޮޑުވުންތައް

 

މިއަދު ބޭއްވުނު ބައްދަލުވުމުގައި މޭޔަރ ފާހަގަކުރެއްވި އެއްކަމަކީ ވަރަށް ގިނަ އާންމު ރައްޔިތުންގެ ކަންބޮޑުވުން އެކަމަކަށް އަމާޒުވާ އައު ޕޮލިސް ޓްރެއިނިންގ ސްކޫލާ ގުޅޭގޮތުންނެވެ. މޭޔަރ ފާހަގަކުރެއްވި ގޮތުގައި އައްޑޫގެ ބިމުން ވަރަށް ބޮޑު ސަރަހައްދެއް ޓްރެއިނިންގ ސްކޫލަށް ނެގުމާއި އިންޑިއާގެ ނުފޫޒު އޮތް ކަމުގެ ކަންބޮޑުވުން ވަރަށް ގިނަ އާންމު ރައްޔިތުން ފާޅުކުރައްވާ ކަމަށެވެ.

މިކަމާއި ގުޅިގެން ހަމީދު ވިދާޅުވިގޮތުގައި މިހާރު އިމާރާތްކުރެވެމުންދާ ޓްރެއިންނިގ ސްކޫލަކީ ބޮޑު ސަރަހައްދަކަށްވެފައި ޖާގަ އޮތުމުން ހަމައެކަނި ޕޮލިސް ތަމްރީނުތަކަށް އެތަން ބޭނުން ކުރުމުގެ ބަދަލުގައި ކަސްޓަމްސްއާއި އިމިގްރޭޝަން ފަދަ ލޯ އެންފޯސްމަންޓް ކޮމިއިނިޓީއަށް ތަމްރީނުތައް ހިންގޭނެ ތަނަކަށް އެތަން ހެދުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުއްވާފައިވާ ކަމަށެވެ. އޭގެ އިތުރުން ޓާޝަރީ އެޑިއުކޭޝަނަށްވެސް އެތަން ބޭނުން ކުރެވޭނެ ކަމަށެވެ. އެއާއެކު އިންޑިއާގެ ނުފޫޒު އޮތްކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫންކަމަށް ހަމީދު ވިދާޅުވިއެވެ.

އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ މިދަތުރުފުޅުގައި މިއަދު ހެނދުނު ހުޅުދޫމީދޫ ޕޮލިސް ސްޓޭޝަނަށްވެސް ވަނީ ޒިޔާރަތް ކުރައްވާފައެވެ.