ވިމެން އެންޑް ޑިމޮކްރަސީ އާއި އައްޑޫ ވިމެންސް އެސޯސިއޭޝަން (އަވަ) ގުޅިގެން މިދިޔަ އަހަރު ބޭއްވި 'ވިމެން އިން ޕޮލިޓިކްސް (ވިޕް ފޯރ)' ޕްރޮގްރާމުގެ ބައިވެރިންނާ ބައްދަލުކޮށް ފޮލޯއަޕް ސެޝަނެއް ބޭއްވުމަށްޓަކައި، ކެނޭޑިއަން އެންބަސީގެ ވަފުދެއް އައްޑޫސިޓީއަށް ވަޑައިގެންފިއެވެ.
ކެނޭޑިއަން އެމްބަސީ އިން ފަންޑުކޮށްގެން ކުރިޔަށް ގެންދިޔަ ވިޕް ފޯރ ޕްރޮގްރާމަކީ އައްޑޫގެ އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން އެކަނބަލުން ބާރުވެރިކޮށް ކުރިއެރުވުމަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމަށް މިދިޔަ އަހަރުގެ އޮގަސްޓު މަހު ހިންގުނު ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގައި ލީޑަރޝިޕާއި ޓީމް ބިލްޑިންގ އަދި ޕަބްލިކް ސްޕީކިންގ ފަދަ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދެވުނެވެ. މިޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ ޒުވާން އަންހެން ކަނބަލުން ސިޔާސީ ދާއިރާއަށް ނުކުތުމަށް ބޭނުންވާ ހުނަރާއި ތަމްރީނު ދިނުމެވެ.
ވިޕް ފޯރ ޕްރޮގްރާމާއި މުޖުތަމައަށް ފައިދާހުރި އިތުރު މިފަދަ ޕްރޮގްރާމްތައް ބޭއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކެނޭޑިއަށް އެންބަސީގެ ފަރާތުން އައްޑޫއަށް ޒިޔާރަތްކުރާ ވަފުދު މިއަދު އައްޑޫސިޓީ ކައުންސިލާވެސް ވަނީ ބައްދަލުކޮށްފައެވެ.
މިބައްދަލުވުމުގައި އައްޑޫސިޓީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން އެބޭފުޅުން މައުލޫމާތު ސާފުކުރެއްވިއެވެ. އަދި ކުރިއަށް ރާވާފައިވާ ޕްރޮގްރާމުތަކާއި އެފަދަ ޕްރޮގްރާމްތަކުގެ ސަބަބުން އައްޑޫގެ މުޖުތަމަޢުއަށް އަދި ވަކިން ހާއްސަކޮށް ކަނބަލުންނަށް ފައިދާ ލިބިގެންދާނެ ގޮތާއި ގުޅޭގޮތުން ވާހަކަދެކެވުނެވެ. އަދި މިފަދަ ޕްރޮގްރާމްތައް ހިންގުމުގައި ކައުންސިލުން އެއްބާރުލުމާއި އެހީތެރިކަން ދެވޭނެ ގޮތާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.