އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާސް ގެ ވަފުދެއް އައްޑޫއަށް ޒިޔާރަތްކުރައްވައިފި

1 މޭއި 2019     2 months ago


އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާސް ގެ ވަފުދެއް އައްޑޫއަށް ޒިޔާރަތްކުރައްވައިފި

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާސް ގެ ވަފުދެއް މިއަދު އައްޑޫސިޓީއަށް ޒިޔާރަތްކުރައްވައިފިއެވެ. މިވަފުދުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރުވެސް ހިމެނިވަޑައިގަންނަވައެވެ.
މިވަފުދަކީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން އައްޑޫގައި އިމާރާތްކުރަމުންދާ ޕޮލިސް އެކަޑެމީ 'އިންސްޓިޓިއުޓް ފޯރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް' ގެ މަސައްކަތް ހިނގަމުންދާ ގޮތް ބެއްލެވުމުގެ ގޮތުން އައްޑޫއަށް ޒިޔާރަތްކުރައްވާ ވަފުދެކެވެ. މިފަދުގައި އިންޑިއާ ސަފީރުގެ އިތުރުން އިންޑިއާ އެމްބަސީގެ ބޭފުޅުންނާއި އިންޑިއާއިން އެހެނިހެން ޤައުމުތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް ބަލަހައްޓާ ޑެވެލޮޕްމަންޓް ޕާރޓްނާޝިޕް އެޑްމިނިސްޓްރޭޝަނުގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މިއަދު މެންދުރުފަހުގެ ވަގުތެއްގައި މިފަދުގެ މެންބަރުން އައްޑޫސިޓީއަށް ވަޑައިގެންނެވުމުން ކައުންސިލުން ވަނީ އެބޭފުޅުންނަށް އެއަރޕޯޓުން މަރުޙަބާ ދަންނަވާފައެވެ. އެއަށްފަހު ކައުންސިލާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ޕޮލިސް އެކަޑެމީ އިމާރާތްކުރާ ސަރަހައްދަށް ވަޑައިގެން މަސައްކަތް ހިނގާ ގޮތް އިންޑިއާ ވަފުދުގެ މެމްބަރުން ވަނީ ބައްލަވާފައެވެ.
އިންޑިއާގެ އެހީގެ ދަށުން 18 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އަޅާ ޕޮލިސް އެކަޑެމީގެ ބިންގާ އެޅީ 2017 ވަނަ އަހަރުއެވެ. އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މިއެކަޑެމީގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ އަށާރަ މަސް ދުވަހުގެ ތެރޭގައެވެ.