އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސައުވީސް ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދެވޭނެ ސަރަހައްދުތައް ކަނޑައަޅައިފި

23 މޭއި 2019     1 month ago


ސައުވީސް ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދެވޭނެ ސަރަހައްދުތައް ކަނޑައަޅައިފި

އައްޑޫސިޓީގައި ސައުވީސް ގަޑިއިރު ވިޔަފާރި ކުރުމަށް ހުއްދަ ދޭނެ ސަރަހައްދުތައް ކަނޑައަޅައިފިއެވެ.

ސައިހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދު، ކެންޓީނާބެހޭ ގަވާއިދު އަދި އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދުގެ ދަށުން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އައްޑޫ ސިޓީގައި އެދެވޭނެ ސަރަހައްދުތަކަކީ:

  • ހިތަދޫ – ހިތަދޫ ބަނދަރު ސަރަހައްދު، ހިތަދޫ ޒިޔާރަތް ފަންނު ސަރަހައްދު، ރީޖަނަލް ހޮސްޕިޓަލް ސަރަހައްދު
  • މަރަދޫ - މަރަދޫ ބަނދަރު ސަރަހައްދު، މަރަދޫ ސިއްޙީ މަރުކަޒު ސަރަހައްދު
  • މަރަދޫފޭދޫ - މަރަދޫފޭދޫ ބަނދަރު ސަރަހައްދު
  • ފޭދޫ -  ފޭދޫ ބަނދަރު ސަރަހައްދު، ފޭދޫ ސިއްޙީ މަރުކަޒު ސަރަހައްދު
  • ހުޅުދޫ - ހުޅުދޫ ބަނދަރު ސަރަހައްދު، ހެރެތެރެ ޗެނަލް ސަރަހައްދު
  • މީދޫ - މީދޫ ބަނދަރު ސަރަހައްދު، ހުޅުމީދޫ ސިއްޙީ މަރުކަޒު ސަރަހައްދު، ހުޅުމީދޫ މެދު ބަނދަރު ސަރަހައްދު

ސައުވީސް ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން، އިމްޕޯޓްމުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެއްޗެވެ. ވިޔަފާރި ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ތަނަކީ ބޭރުން ބަލާއިރު ސާފުކޮށް އެތެރެ ފެންނާނެ ގޮތަށް އަލިކުރެވިފައިވާ ތަނަކަން ވާންޖެހެއެވެ. އަދި އެތަނަކީ ސައުވީސް ގަޑިއިރު ސީސީޓީވީ ކެމެރާ އޮޕަރޭޓްކުރެވޭގޮތަށް ހުރި ތަނަކަށްވެސް ވާންޖެހެއެވެ. އަދި ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަންވާނެއެވެ.

ސައުވީސް ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ، އައްޑޫސިޓީގެ އަވަށު އޮފީސްތަކަށެވެ. ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފޯމު އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv  އިން ލިބެން ހުންނާނެއެވެ.