އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރޯވިންގް އެސޯސިއޭޝަނުން ކައުންސިލާ ބައްދަލުކޮށްފި

12 އޮކްޓޯބަރ 2016     7 years ago


ރޯވިންގް އެސޯސިއޭޝަނުން ކައުންސިލާ ބައްދަލުކޮށްފި

ރޯވިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގެ މަޤްސަދަކީ، ރޯވިންގް އެސޯސިއޭޝަނުން ޖޫނިއަރ ޔޫތު އޮލިމްޕިކްސް އަށް ތައްޔާރު ވުމުގެ ގޮތުން ތަމްރީނު ލިބިގަތުމަށް ތައިލެންޑަށް ފުރުމުގެކުރިން ކައުންސިލާ މަޝްވަރާ ކުރުމެވެ. ތައިލެންޑަށް ފުރުމަށް ހަމަޖެހިފައިވާ ދެ ބައިވެރިންނަކީ ޝަރަފުއްދީން ސްކޫލްގެ ދަރިވަރެއް ކަމަށްވާ ހުސައިން ހުސާމް އާއި ޕޮލިހުގެ ފަރާތުން ހަސަން ޝިޔާން އެވެ. މި ބައްދަލުވުމުގައި ރޯވިންގް އެސޯސިއޭޝަންގެ ޓީމް ޖާޒީ ހަވާލު ކުރުން އޮތެވެ.

މިދިޔަ ހޯމަ ދުވަހު ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ރޯވިން އެސޯސިއޭޝަންގެ ދައުވަތަކަށް ބޭންކް އޮފް މޯލްޑިވްސް ހިތަދޫ ބްރާންޗްގެ މެނޭޖަރ އިމްރާން ސާލިހް އަދި ޝަރަފުއްދީން ސްކޫލް ގެ ޕްރިންސިޕަލް އަދީލް ނަސީރު ބައިވެރިވެވަޑައިގަތެވެ.

ޤައުމީ ރޯވިންގް ޓީމުން، ވިއެޓްނާމްގައި ބޭއްވި ފަސްވަނަ އޭޝިއަން ބީޗް ގޭމްސްގައި، މަދު ދުވަސްކޮޅެއްގެ ތަމްރީންތަކަކަށްފަހު ބައިވެރިވެ ބޮޑެތި ޤައުމުތަކާ ވާދަކޮށް ހާސިލް ކުރި ކުރިއެރުންތަކަކީ އެންމެންފަޚުރުވެރިވާންޖެހޭ ވަރުގެ ކާމިޔާބެއް ކަމުގައި މޭޔަރ އަބްދުﷲ ޞާދިޤް މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމަގައި، ރޯވިންގް އެސޯސިއޭޝަންގެ ރައީސް ޙުސައިންހަބީބް ވަނީ ކައުންސިލުން ވެދެއްވާ އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރޯވިންގް އެސޯސިއޭޝަން ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު އެއް ބާރަކަށް ކައުންސިލްގެ އެއްބާރުލުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.