އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފްލެޓު ތަކަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

5 ޖެނުއަރީ 2020     1 month ago


ފްލެޓު ތަކަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ހިތަދޫގައާއި ހުޅުދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތައް އާއްމުންނަށް ދޫކުރަން ކައުންސިލުން ގެޒެޓުގައި އިއުލާން ކުރައްވައިފިއެވެ.

ހިތަދޫ އާއި ހުޅުދޫގައި ހުރި ފްލެޓްތަކުގެތެރެއިން ޢާންމުކޮށް މިހާތަނަށް ދޫނުކޮށްހުރި ފްލެޓްތައް (ކުރިން ވިއްކާގޮތަށް ބެހެއްޓިފައިހުރި ފްލެޓްތައް) ވިޔަފާރީގެ އުޞޫލުން ވިއްކުމުގެ ބަދަލުގައި، ސޯޝަލް ހައުސިންގ ސްކީމްގެދަށުން ކުރިންވެސް ހައުސިންގ ޔުނިޓް ދޫކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ދޫކުރުމަށް ހައުސިންގ މިނިސްޓްރީއިން ނިންމަވާ ކައުންސިލް އިދާރާއިން އެކަން ކުރިއަށް ގެންގޮސްދެއްވުމަށް އެ މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.  

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ހިތަދޫގައި އިމާރާތްކޮށްފައިވާ 264 ފްލެޓުގެ ތެރެއިން ކުރިން ވިއްކާ ގޮތަށް ބެހެއްޓީ 32 ފްލެޓެވެ. ސޯޝަލް ހައުސިންގ ސްކީމްގެދަށުން ކުރިންވެސް ހައުސިންގ ޔުނިޓް ދޫކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް މި 32 ފްލެޓަށް ކުރިމަތިލެވޭނީ އައްޑޫސިޓީގެ ހިތަދޫ ރައްޔިތުންނާއި ހިތަދުއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މަރަދޫ، މަރަދޫފޭދޫ، ފޭދޫ ރައްޔިތުންނަށެވެ.

ހުޅުދޫގައި އިމާރާތްކޮށްފައިވާ 48 ފްލެޓުގެ ތެރެއިން ކުރިން ވިއްކާ ގޮތަށް ބެހެއްޓީ 9 ފްލެޓެވެ. ސޯޝަލް ހައުސިންގ ސްކީމްގެދަށުން ކުރިންވެސް ހައުސިންގ ޔުނިޓް ދޫކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް މި 9 ފްލެޓަށް ކުރިމަތިލެވޭނީ އައްޑޫސިޓީގެ ހުޅުދޫ އާއި މީދޫ ގެ ރައްޔިތުންނަށެވެ.

ފްލެޓަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިއުކިއުންތަކާއެކު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންޖެހެނީ މި ޖަނަވަރީ މަހުގެ 16  ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިންނެވެ. ފްލެޓަށް އެދޭ ފޯމް މި އިދާރާ އިންނާއި އަވަށު އޮފީސްތަކުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. ފޯމް ފުރުމުގައި ސަމާލުކަން ދެއްވަން ޖެހޭ ކަންކަން ފްލެޓްދޫކުރުމަށް ހަމަޖެހިފައިވާ އުސޫލުގައި ބަޔާންކޮށްފައި ވާނެއެވެ. މި އުސޫލު އިއުލާނާއެކު އާއްމުކޮށްފައި ވާނެއެވެ.

އެނގިވަޑައިގަންނަވާނޭފަދައިން ހިތަދޫގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން މީގެ ކުރިން އާއްމުކޮށް ދޫކުރަން ހުޅުވާލީ 230 ފްލެޓެވެ. މިހާތަނަށް ހަވާލުކުރެވުނީ 180 ފްލެޓެވެ. ހަވާލުނުކުރެވި 50 ފްލެޓް އެބަހުއްޓެވެ. ހިތަދޫ ފްލެޓް ސަރަހައްދު ލޭންޑްސްކޭޕް ކުރުމާއި ލައިޓް ޖެހުމުގެ މަސައްކަތް ވަނީ ޓެންޑަރ ކުރެވިފައެވެ.

ހުޅުދޫގައި އިމާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން މީގެ ކުރިން އާއްމުކޮށް ދޫކުރަން ހުޅުވާލީ 38 ފްލެޓެވެ. ފްލެޓަށް އެދި ފޯމް ހުށަހެޅި މީހުންގެ ތެރެއިން ޝަރުޠު ހަމަވީ 25 ފަރާތެކެވެ. ދާއިމީ ލިސްޓްގައި ހިމެނުނީ 20 ފަރާތެކެވެ. އެގްރީމަންޓްގައި މިހާތަނަށް ސޮއި ކުރީ 4 ފަރާތަކުންނެވެ.