އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ހިތަދޫގައި ގޭދޮށު މަސްޕްލާންޓް ޤާއިމްކުރުމަށް އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި

28 މޭއި 2020     3 months ago


އައްޑޫ ސިޓީ ހިތަދޫގައި ގޭދޮށު މަސްޕްލާންޓް ޤާއިމްކުރުމަށް އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި

އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖްކްސް ހިންގުމަށް ދެވޭ އެހީގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ޤާއިމުކުރެވޭ ގޭދޮށު މަސް ޕްލާންޓް ތައްޔާރުކޮށް ހިންގުމަށް މިއަދު އައްޑޫ ސިޓީ ކައުންސިލާއި އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި މިކަމަށްޓަކައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ، ޢަބްދުﷲ ޞާދިޤް އެވެ. އަދި އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ، އިބްރާހިމް ޚަލީލް އެވެ.

މި އެއްބަސްވުމުގެ ދަށުން މަސް ޕްލާންޓު 280 ދުވަހުގެ ތެރޭގައި ނިންމައި ހިންގަން ފަށަންޖެހޭނެއެވެ. އަދި މި މަޝްރޫޢަށް 6،000،000ރ.  (6 މިލިއަން ދިވެހި ރުފިޔާ) ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ހިލޭ އެހީއިން އެވެ. އަދި އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން 3،201،885ރ. (ތިން މިލިއަން ދެލައްކަ އެއްހާސް އަށްސަތޭކަ އަށްޑިހަ ފަސް ދިވެހި ރުފިޔާ ) ފުރަތަމަ ފޭސް ގައި އިންވެސްޓްކުރުމަށް ނިއްމާފައިވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މޭޔަރ ވިދާޅުވީ މި މަސްޕްލާންޓްގެ ސަބަބުން މަސްވެރިން އަތުން މަސް ގަނެވި، އެ މަސް ރަނގަޅަށް ޕްރޮސެސްކުރެވިގެން އައްޑޫގެ ރައްޔިތުންނާއި މުޅި ރާއްޖޭގެ އިތުރުން މުސްތަޤްބަލުގައި ދުނިޔޭގެ ބާޒާރަށްވެސް އެ އުފެއްދުންތައް ނެރެވޭނެ ކަމުގައި އުއްމީދުކުރައްވާ ކަމަށެވެ.

"އައްޑޫގެ އިޤްތިޞާދު، ދެކުނުގެ އިޤްތިޞާދީ ޙަރަކާތްތައް ފަށައިގަތުމުގެ މަސައްކަތް ކުރެވެން ވަރަށް އަވަހަށް ފަށާނެ. އެހެންކަމުން އެއާއެކު އަޅުގަނޑުމެންނަށް އެބަޖެހޭ މަސްވެރިކަން ނުވަތަ އެހެން ސިނާޢަތްތައްވެސް ފަށައިގަންނަން. އެހެންކަމުން އަޅުގަނޑު މި ދެކެނީ މިއަދު މި ވެވުނު އެއްބަސްވުމަކީ އޭގެ އެއް ފެށުން ކަމަށް. މި އެއްބަސްވުމާއެކު އަޅުގަނޑުމެންނަށް މަސައްކަތް ކުރެވި، ދާދި އަވަހަށް މަސްވެރިކަމުގެ ސިނާޢަތަށް ދެވޭ އިތުރު ރަނގަޅު ބޮޅެއް ކަމުގައި އަޅުގަނޑު ދެކެނީ"، މޭޔަރ ވިދާޅުވި އެވެ.

މީގެ އިތުރުން ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންގެ ވަޒީފާތައް ގެއްލިފައިވާކަން ފާހަގަކުރައްވަމުން މޭޔަރ ވިދާޅުވީ މި ޤާއިމްކުރެވޭ މަސްޕްލާންޓްގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ވަޒީފާތައް އުފެދިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެލްނާތު ޕްރައިވެޓް ލިމިޓެޑްގެ ޕްރޮޖެކްޓް މެނޭޖަރ، އިބްރާހިމް ޚަލީލް ވިދާޅުވީ މިއީ އަލަށް ރާއްޖޭގައި ކުރެވޭ މަސައްކަތަކަށް ވާއިރު، ގޭދޮށު މަސްފެކްޓްރީތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

"މުޅި ރާއްޖޭގައިވެސް މަސް ޕްރޮސެސްކޮށް، ބާނާ ރޯމަސް އެކްސްޕޯޓްކުރުމުގެ ބަދަލުގައި ރާއްޖޭގައި މި މަސް ޕްރޮސެސްކުރެވޭނީ ގިނަ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރެވިގެން. އެހެންކަމުން އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އުންމީދަކީ މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުން"، ޚަލީލް ވިދާޅުވި އެވެ.

މި މަޝްރޫޢަކީ އައްޑޫސިޓީގެ އިޤްތިޞާދު އިތުރަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން ހިތަދޫގައި މަސް ޕްލާންޓް ބަހައްޓައި، ކަނޑުމަސް ގަނެ، ޕްރޮސެސްކޮށް، މަހުގެ ބާވަތްތައް އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ. އަދި މި މަސްޕްލާންޓް ޤާއިމުކުރެވޭނީ އައިސް އުފައްދައި މަސް ފިނިކޮށް ބެހެއްޓޭނެ ވަސީލަތްތައް ހިމެނޭ ގޮތަށެވެ. މި މަސްޕްލާންޓުން މަސް ކިރުމާއި ސާފުކުރުމާއި ފިނިކުރުމާއި ގަނޑުކުރުމާއި ވެކިއުމް ޕެކް ކުރުމާއި ޕެކޭޖް ކުރުމާއި ކޮލިޓީ ޓެސްޓުކުރުމާއި ތަފާތު ވައްތަރުގެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.