އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ހިތަދޫގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން ކެޓަގަރީ ޑީގައި ހިމެނޭ 32 ފްލެޓު ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިފި

22 ނޮވެމްބަރ 2020     4 days ago


އައްޑޫ ސިޓީ ހިތަދޫގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން ކެޓަގަރީ ޑީގައި ހިމެނޭ 32 ފްލެޓު ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިފި

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ޢިމާރާތްކޮށްފައިވާ 264 ތެރެއިން ކެޓަގަރީ "ޑީ" ގައި ހިމެނޭ 32 ފްލެޓު ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިފި އެވެ. މި ގުރުއަތު ނެގުން އޮތީ މިއަދު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ، ޢަބްދުﷲ ޞާދިޤް ވަނީ ފްލެޓު ލިބޭ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ލިބިވަޑައިގަންނަވާ މުއްދަތުގެ ތެރޭގައި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަކީ ވަރަށް މުހިންމު ކަމެއްކަން ހަނދުމަކޮށްދެއްވައި، އެކަން ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން މީގެ ކުރިން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ފްލެޓުތަކުގައި މީހުން ދިރިނޫޅޭ ކަމާއި، ބައެއް ފަރާތްތަކުން ފްލެޓުތައް ކުއްޔަށް ދޫކުރަމުންދާކަން ފާހަގަކުރައްވައި މޭޔަރ ވިދާޅުވީ، މިއަދު ހަވާލުކުރެވޭ މި ފްލެޓުތަކުގެ ވެރިފަރާތްތަކުން ފްލެޓުތައް ދިރިއުޅުމަށް ބޭނުންކުރައްވާނެ ކަމުގައި އުއްމީދުކުރައްވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި މޭޔަރ ވަނީ ފްލެޓުތަކާއި ގުޅޭގޮތުން ފްލެޓު ލިބޭ ފަރާތްތަކުގެ ހުރި ސުވާލުތައް އަޑުއައްސަވައި، ޖަވާބުދެއްވައިފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓުގެ ތެރެއިން 32 ފްލެޓެއް ވިޔަފާރި އުޞޫލުން ވިއްކާގޮތަށް ކުރިން ނިންމިއެވެ. އެހެންނަމަވެސް އެ ފްލެޓުތައް ވިޔަފާރީގެ އުޞޫލުން ވިއްކުމުގެ ބަދަލުގައި، ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ކުރިންވެސް ހައުސިންގ ޔުނިޓު ދޫކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ދޫކުރުމަށް ފަހުން ވަނީ ނިންމައިފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓުގެ ތެރެއިން ކެޓަގަރީ "ޑީ" ގައި ހިމެނޭ 32 ފްލެޓަށް އެދި 835 ފަރާތަކުން ފޯމު ހުށަހެޅުއްވިއިރު، އޭގެތެރެއިން ފްލެޓު ލިބުމަށް ޝަރުތު ހަމަވާ 732 ފަރާތެއް ހިމެނެއެވެ. މި 732 ފަރާތްތުގެ ތެރެއިން 48 ޕޮއިންޓަށްވުރެ މަތިން މާކުސް ލިބިގެން ގުރުއަތު ނެގުމަކާ ނުލައި 19 ފަރާތަކަށް ވަނީ ފްލެޓު ލިބިފައެވެ. އަދި 48 ޕޮއިންޓު ލިބިގެން މާކުސްގެ ގޮތުން އެއްވަރުވި 19 ފަރާތެއްގެ މެދުގައި ނެގި ގުރުއަތުން ހޮވުނު 13 ފަރާތަކަށް ވަނީ ފްލެޓު ލިބިފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓުގެ ތެރެއިން މީގެ ކުރިން އާއްމުކޮށް ދޫކުރަން ހުޅުވާލީ 230 ފްލެޓަކަށެވެ. މިހާތަނަށް 202 ފްލެޓު ހަވާލުކުރެވިފައިވާއިރު، ހަވާލު ނުކުރެވި ހުރީ 60 ފްލެޓެކެވެ. މީގެ ތެރެއިން މިއަދު ހަވާލުކުރެވުނީ 32 ފްލެޓެވެ. އަދި ބާކީ ހުރި 28 ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން 15 އަދި 16 ވަނަ ބްލޮކްގެ ފްލެޓުތައް ލިބޭ ފަރާތްތަކުގެ މެދުގައި މިއަދު ގުރުއަތު ނެގިއިރު، ފްލެޓު ސަރަޙައްދު ލޭންޑްސްކޭޕް ކުރުމާއި އެ ސަރަޙައްދުގައި ބޮކި ޖެހުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިން ދަނީ މިހާރު ކުރަމުންނެވެ.