އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގައި "ބެޗްލަރ އޮފް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް" ކޯސް ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންފި

21 ޑިސެމްބަރ 2020     1 month ago


އައްޑޫގައި "ބެޗްލަރ އޮފް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް" ކޯސް ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން 2021 ވަނަ އަހަރު ބައިވެރިވުމަށް ހުޅުވާލައްވާފައިވާ "ބެޗްލަރ އޮފް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް" ކޯސް، އައްޑޫ ސިޓީގައި ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އެ ޔުނިވަރސިޓީގައި އެދިވަޑައިގެންފިއެވެ.

14 ޑިސެންބަރު 2020 ވަނަ ދުވަހު އެމް.އެން.ޔޫ ހިތަދޫ ކެމްޕަހުގެ އިސްވެރިން ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، އައްޑޫ ސިޓީގައި މިފަދަ ކޯހެއް ހިންގެވުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވައިފައެވެ. އަދި މިފަދަ ކޯހެއް އައްޑޫ ސިޓީގައި ކުރިއަށްގެންދެވުމަށް ކައުންސިލުން ވަރަށް ބޮޑަށް ބޭނުންވާކަންވެސް ބައްދަލުވުމުގައި ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން މާލޭގެ އިތުރުން އައްޑޫ ސިޓީގައި "ބެޗްލަރ އޮފް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް" ކޯސް ހިންގަވައިދެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ކައުންސިލުން ދެކެއެވެ. އެއީ އައްޑޫ އަކީ ބަޔޮސްފިއަރ ރިޒަރވެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ތަނަކަށް ވެފައި، ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ހިމާޔަތް ކުރެވިފައިވާ ސަރަޙައްދުތައް އައްޑޫ ސިޓީގައި ހިމެނިފައިވާތީ އެވެ.

އެމް.އެން.ޔޫ އަކީ އަބަދުވެސް އައްޑޫ ސިޓީ ކައުންސިލާއެކު ވަރަށް ގާތްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ޔުނިވަރސިޓީއެއްކަން ފާހަގަކޮށް، އެ ޔުނިވަރސިޓީން ކައުންސިލަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި މި ފުރުސަތުގައި އެ ޔުނިވަރސިޓީ އަށް ޝުކުރު ދަންނަވަމެވެ.