އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެއާޕޯޓް ކޮމްޕެނީން ފުލް ސްކޭލް އިމަރޖަންސީ އެކްސަރސައިޒެއް ބާއްވަނީ

9 އޮކްޓޯބަރ 2017     6 years ago


އެއާޕޯޓް ކޮމްޕެނީން ފުލް ސްކޭލް އިމަރޖަންސީ އެކްސަރސައިޒެއް ބާއްވަނީ

އައްޑޫ އިންޓަރނޭޝަލް އެއާޕޯޓް ކޮމްޕެނީން ފުލް ސްކޭލް އިމަރޖެންސީ އެކްސަރސައިޒެއް މިމަހުގެ 12 ވަނަ ދުވަހު އޮންނާނެ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

މިއަދު ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައި އެކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރ ހާމަކުރި ގޮތުގައި މިއެކްސަރސައިޒަކީ  އެއަރޕޯޓްގައި އިމަރޖެންސީ ހާދިސާއެއް ދިމާވެއްޖެ ޙާލަތެއްގައި އެކަމަށް ތައްޔާރުވެފައިވާ މިންވަރާއި ރައްކާތެރިކަން ދެމެހެއްޓޭނެކަން ކަށަވަރުކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މިހަރަކާތުގައި ކަމާއި ގުޅުންހުރި ގިނަ މުއައްސަސާތަކަކުން ބައިވެރިވާނެއެވެ. މިގޮތުން އައްޑޫސިޓީ ކައުންސިލް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ސިއްޙީ މަރުކަޒުތައް، މޯލްޑިވްސ ޕޮލިސް ސަރވިސް، އެމް.އެން.ޑީ.އެފް، މޯލްޑިވްސް ރެޑް ކްރެސެންޓް ފަދަ މުއައްސަސާތައް މިހަރަކާތުގައި ބައިވެރިވާނެއެވެ. 

މިހަރަކާތާއި ގުޅޭ މަޢުލޫމާތު ކައުންސިލާ ހިއްސާކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި އޮޕަރޭޝަންސް މެނޭޖަރ އަޙްމަދު ޝަފީޤުގެ އިތުރުން ސޭފްޓީ އޮފިސަރ އާމިނަތު ފަޒްނާ، މެނޭޖަރ ޑެޕިއުޓީ އޮޕެރޭޝަންސް ސުލްތާން ސަޢީދު އަދި މެއިންޓެނެންސް މެނޭޖަރ އިބްރާހިމް އަމްޖަދު ބައިވެރިވެލެއްވިއެވެ.

މިހަރަކާތް ބޭއްވޭ ގަޑީގައި ހަރަކާތުގައި ބައިވެރިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ގަމުގެ ކޯޒްވޭ ބަންދުވާނެއެވެ. އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފެށިގެން އައާޕޯޓާއި ދެމެދު އިމަރޖެންސީ ވެހިކަލްތަކާއި މީހުން އެވަގުތުގައި ހަރަކާތްތެރިވާނެއެވެ.