އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޖުލައި 1 އިން ފެށިގެން އައްޑޫސިޓީގެ ވިޔަފާރީ ފީއަކީ މަހަކު 200ރ.

21 ޖުލައި 2013     7 years ago


އައްޑޫސިޓީގައި އިމްޕޯޓް މުދާ ވިއްކާ ތަންތަނާއި ސައިހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުން ޖުލައި މަހުގެ 1 އިން ފެށިގެން މަހު ފީގެ ގޮތުގައި ނެގެމުންދާނީ މަހަކު 200 ރުފިޔާ އެވެ.

މަހުފީ ބަލައިގަންނާނީ  ކުރިންވެސް ފީ ބަލައި ގަންނަމުން ގެންދިޔަ އުސޫލުންނެވެ. މިގޮތުން ކޮންމެ މަހެއްގެ 1 އިން 10 އަކާއި ހަމައަށް ފީނުދައްކާ ފަރާތްތަކުގެ ފީ ބަލައިގަނެވޭނީ 15ރުފިޔާގެ ޖޫރިމަނާއާއި އެކުގައެވެ. އަދި މަސްނިމޭއިރަށް ފީނުދައްކާ ފަރާތްތަކުގެ ވިޔަފާރި ހުއްދަ ބާތިލުވާނެއެވެ. ވިޔަފާރި ހުއްދަ ބާތިލުވުމަށްފަހު އަލުން ހަދައިދެވޭނީ 200 ރުފިޔާ ދެއްކުމުންނެވެ.

މިހާތަނަށް ދޫކުރެވިފައިވާ ހުއްދަތަކުގައި މަހުފީގެ ގޮތުގައި ދައްކަންޖެހޭނީ 50 ރުފިޔާކަމަށް ބަޔާންކުރެވިފައިވާތީ އެހުއްދަތައް އިސްލާޙްކުރުމަށްފަހު އެފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތް ކައުންސިލްގެ ޑިޕާރޓްމަންޓް އޮފް ބިޒްނަސް ޑިވެލޮޕްމަންޓް ޔޫތް އެންޑް ސްޕޯރޓްސްއިން ކުރިއަށް ގެންދަވާނެއެވެ. އަދި ކުރިއަށްފީދައްކަވާފައިވާ ފަރާތްތަކުން 1 ޖުލައި 2013 އިން ފެށިގެން ފީދައްކާ ނިންމާފައިވާ މުއްދަތަށް އިތުރަށް ދައްކަވަންޖެހޭ ފައިސާ 31 ޖުލައި 2013 ކުރިން ދައްކަވައި ނިންމަވަން ޖެހޭނެއެވެ.

ވިޔަފާރިތަކުން ފީނެގުމުގެ އުސޫލަށް މިބަދަލު ގެނެވިފައިވަނީ ގާނޫނު ނަމްބަރ 78/60 އިމްޕޯރޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ އަދި ކެންޓީނާއި ބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާއި އިމްޕޯރޓް މުދަލުގެ ވިޔަފާރިކުރުމުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ހ) ގައި  ބުނާ 10،000 މީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ކޮންމެ ތަނަކުން މަހަކު 200ރ. ކުލީގެ ގޮތުގައި ނެގޭނެ ކަމަށް އެގާނޫނުގައި ބަޔާންކޮށްފައިވާތީ އެވެ.