އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ހުޅުމީދޫ ފަޔަރ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި މޭޔަރ އާއި ކައުންސިލަރުން ބައިވެރިވެވަޑައިގެންފި

6 އެޕްރީލް 2021     2 months ago


އައްޑޫ ސިޓީ ހުޅުމީދޫ ފަޔަރ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި މޭޔަރ އާއި ކައުންސިލަރުން ބައިވެރިވެވަޑައިގެންފި

އައްޑޫ ސިޓީ ހުޅުމީދޫގައި ޢިމާރާތްކޮށްފައިވާ ފަޔަރ ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށްޓަކައި މިއަދު ހުޅުމީދޫގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި މޭޔަރ، އަލްފާޟިލް ޢަބްދުﷲ ޞާދިޤާއި އައްޑޫ ސިޓީގެ ބައެއް ކައުންސިލަރުން ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މިއަދު ހެނދުނު ބޭއްވެވި މި ރަސްމިއްޔާތުގައި ހުޅުދޫ މީދޫ ފަޔަރ ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއެވެ. މި ފަޔަރ ސްޓޭޝަންގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ފަޔަރ ޓްރަކަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖެއަށް ލިބިފައިވާ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ އުޅަނދެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވީ، މީގެ ކުރިން ހުޅުދޫމީދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، ހިތަދޫން ހުޅުމީދޫ އަށް ގޮސް އެ ހާދިސާ އަށް އެޓެންޑް ކުރެވެނީ ގާތްގަނޑަކަށް އެއް ގަޑިއިރާއި 15 މިނަޓުން ކަމަށާއި، ނަމަވެސް މިއަދު ހުޅުވިގެން މިދިޔަ ފަޔަރ ސްޓޭޝަންގެ ސަބަބުން ހުޅުމީދޫގައި ހިނގާ މިފަދަ ހާދިސާތަކުގައި، ފަޔަރ އެންޑް ރެސްކިއު ޓީމަށް 10 މިނެޓުގެ ތެރޭގައި ހާދިސާ ހިނގި ސަރަޙައްދަށް ދެވޭނެ ކަމަށް މަޢުލޫމާތު ލިބިލައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން، ހުޅުދޫ އާއި މީދޫ އަކީ ސިނާޢީ ގިނަ މަސައްކަތްތަކެއް ހިނގަމުންދާ ދެ އަވަށަށްވެފައި، މި ދެ އަވަށާއި ޖެހިގެން ދެ ރިސޯޓުވެސް އޮތްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މި ދެ އަވަށުން ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޚިދުމަތް ލިބިގެން ދިއުމަކީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންވެސް ހިތްހަމަޖެހޭނެ ކަމެއް ކަމުގައެވެ. އަދި މި ދެ ރިސޯޓުގައިވެސް އަލިފާނުގެ އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، އެ ހާދިސާއަކަށް އަވަހަށް އިޖާބަ ދެވޭނެ ކަމުގައިވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ ވިދާޅުވީ، މިއަދު ހުޅުވިގެންދިޔަ ފަޔަރ ސްޓޭޝަންގެ ސަބަބުން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކަކާއި ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށެވެ. މިގޮތުން މޭޔަރ ވަނީ މިކަން މަގުފަހިކޮށްދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަށާއި ދިފާޢީ ވަޒީރަށް ޝުކުރު ދަންނަވައިފައެވެ.

މިއަދު ރަސްމިއްޔާތުގައި މޭޔަރގެ އަރިހުގައި އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ ކައުންސިލަރ، އިބްރާހިމް ޝުކުރީ އާއި މީދޫ ދާއިރާގެ ކައުންސިލަރ، ޙުސައިން ހިޔާޒު އަދި ކައުންސިލްގެ ޑިވެލޮޕްމަންޓް ސަރވިސް ޑިވިޜަންގެ ޑިރެކްޓަރ، މުޙައްމަދު ޔަސްރިފާއި، ހުޅުދޫ އަދި މީދޫ އަވަށު އޮފީހުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.