އައްޑޫ ސިޓީ ކައުންސިލްގެ ރަސްމީ ވެބްސައިޓްADDU CITY COUNCIL
އައްޑޫ ސިޓީ ކައުންސިލްAddu City Council
ޚަބަރު
ޚަބަރު

އައްޑޫ ސިޓީ ގުރުއާން ކިޔެވުމުގެ މުބާރާތް 2026 ފަށައިފި

އައްޑޫ ސިޓީ ގުރުއާން ކިޔެވުމުގެ މުބާރާތް 2026 ފަށައިފި

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "އައްޑޫ ސިޓީ ޤުރުއާން ކިޔެވުމުގެ މުބާރާތް 2026" ގެ ކިޔެވުން ފަށައިފިއެވެ. މި މުބާރާތް ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު އޮތީ 15 ނޮވެންބަރު 2026 ގައެވެ. މުބާރާތުގެ ކިޔެވުން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 341 ބައިވެރިން ވާދަކުރެއެވެ. މީގެ ތެރޭގައި ބަލައިގެން ކިޔެވުމުގެ ގޮފީގައި 239 ބައިވެރިން އަދި ނުބަލައި ކިޔެވުމުގެ ގޮފީގައި 102 ބައިވެރިން ހިމެނެއެވެ. މުބާރާތުގައި މައިގަނޑު ގޮތެއްގައި ބައިވެރިވެފައިވަނީ އައްޑޫ ސިޓީގެ 9 ސްކޫލަކާއި، 8 ޤުރުއާން ކްލާހުގެ އިތުރުން އަމިއްލަ ގޮތުންނާއި އެހެނިހެން ފަރާތްތަކުންނެވެ.

ސްކޫލްތަކުގެ ބައިން ޖުމްލަ 229 ދަރިވަރުން ވާދަކުރާއިރު، އޭގެ ތެރޭގައި ހިމެނެނީ ބަލައިގެން ކިޔެވުމުގެ ބައިން 143 ދަރިވަރުންނާއި ނުބަލައި ކިޔެވުމުގެ ބައިން 86 ދަރިވަރުންނެވެ. ސްކޫލްތަކުން ވާދަކުރާ އަދަދުތަކަށް ބަލާއިރު:

ހިރާ ސްކޫލް: 46 ބައިވެރިން (ބަލައިގެން 23، ނުބަލާ 23)

ޝަރަފުއްދީން ސްކޫލް: 44 ބައިވެރިން (ބަލައިގެން 24، ނުބަލާ 20)

ހިތަދޫ ސްކޫލް: 31 ބައިވެރިން (ބަލައިގެން 23، ނުބަލާ 8)

ފޭދޫ ސްކޫލް: 27 ބައިވެރިން (ބަލައިގެން 19، ނުބަލާ 8)

ޑްރީމްޓައިމް އައްޑޫ އިންޓަނޭޝަނަލް ސްކޫލް: 24 ބައިވެރިން (ބަލައިގެން 17، ނުބަލާ 7)

މަރަދޫ ސްކޫލް: 22 ބައިވެރިން (ބަލައިގެން 15، ނުބަލާ 7)

އިރުޝާދިއްޔާ ސްކޫލް: 19 ބައިވެރިން (ބަލައިގެން 11، ނުބަލާ 8)

އައްޑޫ ހައި ސްކޫލް: 8 ބައިވެރިން (ބަލައިގެން 4، ނުބަލާ 4)

ނޫރާނީ ސްކޫލް: 8 ބައިވެރިން (ބަލައިގެން 7، ނުބަލާ 1)

ޤުރުއާން ކްލާސްތަކުގެ ބައިން ޖުމްލަ 100 ބައިވެރިން ވާދަކުރެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބައިން 86 އަދި ނުބަލައި ކިޔެވުމުގެ ބައިން 14 ބައިވެރިންނެވެ. މި ބައިގައި ހިމެނޭ ކްލާސްތަކަކީ:

އަޙިއްބާއުލް ޤުރްއާން: 25 ބައިވެރިން (ބަލައިގެން 19، ނުބަލާ 6)

އައިއާރު ޤުރުއާން ކްލާސް: 18 ބައިވެރިން (ބަލައިގެން 16، ނުބަލާ 2)

ސަބީލުލް ޤުރްއާން ކްލާސް: 16 ބައިވެރިން (ބަލައިގެން 16)

ޒިޔާއުލް ޤުރްއާން: 14 ބައިވެރިން (ބަލައިގެން 14)

އަހްލުލް ޤުރްއާން ކްލާސް: 11 ބައިވެރިން (ބަލައިގެން 9، ނުބަލާ 2)

ތަޢުލީމުލް ޤުރްއާން: 7 ބައިވެރިން (ބަލައިގެން 4، ނުބަލާ 3)

ދާރުލް ނޫރު ޤުރުއާން ކްލާސް: 7 ބައިވެރިން (ބަލައިގެން 7)

ޢާއިޝަތު ސައުދިއްޔާ ޤުރުއާން ކްލާސް: 2 ބައިވެރިން (ބަލައިގެން 1، ނުބަލާ 1)

މީގެ އިތުރުން، އަމިއްލަ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވާދަކުރާ 12 ބައިވެރިއަކު މި މުބާރާތުގައި ހިމެނެއެވެ. އޭގެ ތެރޭގައި އަމިއްލަ ގޮތުން ނުބަލައި ކިޔެވުމުގެ ބައިގައި ވާދަކުރާ 2 ބައިވެރިންނާއި، ބަލައިގެން ކިޔެވުމުގެ ބައިން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ ތަމްސީލުކުރާ 4 ބައިވެރިން އަދި އެހެނިހެން ފަރާތްތަކުން ބަލައިގެން ކިޔެވުމުގެ ބައިގައި ވާދަކުރާ 6 ބައިވެރިއަކު ހިމެނެއެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކުރައްވަނީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ. އެގޮތުން އިސް ފަނޑިޔާރަކަށް އައްޝައިޚް ނަސްރުﷲ ޢަލީ ހަމަޖައްސަވާފައިވާއިރު، ފަނޑިޔާރުންގެ ޕެނަލްގައި ދެން ހިމެނިވަޑައިގަންނަވަނީ އައްޝައިޚް އަޙްމަދު ރިޔާޟް އަދި އައްޝައިޚް ޢަލީ ޝަހީދެވެ.

އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މި މުބާރާތަކީ އައްޑޫ ސިޓީގެ ރައްޔިތުންނާއި ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔެވުމުގެ ހުނަރު އަށަގެންނެވުމުގެ އިތުރުން ޤައުމީ ފެންވަރުގެ މުބާރާތްތަކަށް ވާދަކުރެވޭނެ ފަދަ ހުނަރުވެރި ދަރިންތަކެއް ބިނާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.

ހުރިހާ ޚަބަރު