މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގައި ރަށް ނުވަތަ ސިޓީތަކުގެ ދާއިރާއިން ބައިވެރިވާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
މިއީ ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރުވައި، ދިވެހި މަސައްކަތްތެރިންގެ ހުނަރު ދައްކާލުމަށް ބާއްވާ މުހިންމު މައުރަޒެކެވެ.
މި މައުރަޒުގައި އައްޑޫ ސިޓީއިން ބައިވެރިވާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ޚާއްޞަ ސްޕޮންސަރޝިޕްތަކެއް ދިނުމަށް ނިންމާފައެވެ. އެގޮތުން، ނަން ނޯޓުކުރާ ފަރާތްތަކުން ހުށަހަޅާ ސާމްޕަލްތަކަށް ބަލައި ހޮވާލެވޭ 05 ފަރާތަކަށް ކައުންސިލްގެ ފަރާތުން އެލެވެންސްއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުންވެސް 05 އަންހެން ބައިވެރިއަކަށް ސްޕޮންސަރ އެލެވެންސް ދިނުމަށް ވަނީ ނިންމާފައެވެ.
މައުރަޒުގައި ރަށް ނުވަތަ ސިޓީތަކުގެ ދާއިރާއިން ބައިވެރިވާ ފަރާތްތަކުން 2026 ޖުލައި 05 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އޮންލައިން ފޯމު ފުރިހަމަކުރަން ޖެހެއެވެ. ފޯމު ހުށަހެޅުމަށް ބޭނުންކުރާނީ https://forms.gle/GU8Ywvv6S2aaCnHS9 މި ލިންކެވެ. އަދި ބައިވެރިކުރާ އުފެއްދުންތަކުގެ ސާމްޕަލްތައް 2026 ޖުލައި 23 ވާ ބުރާސްފަތި ދުވަހު ކައުންސިލަށް ހުށަހަޅަންވާނެ ކަމަށް ކައުންސިލުން އާންމުކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
މައުރަޒާ ގުޅޭ އިތުރު ތަފްޞީލުތަކާއި، އާންމުކޮށް އުފެދޭ ސުވާލުތަކުގެ ޖަވާބު www.expo.mv ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން، ތަކެތި ބައިވެރިކުރެވޭނެ ގިންތިތަކާއި ކޯޑުތަކުގެ ލިސްޓުވެސް މިހާރު ވަނީ އާންމުކޮށްފައެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އައްޑޫ ސިޓީ ކައުންސިލްގެ ސޯޝަލް އެފެއާޒް ޔުނިޓްގެ ވައިބަރ ނަންބަރު 7925003 އަށް މެސެޖު ކުރެއްވުމަށް ކައުންސިލުން އިލްތިމާސްކުރެއެވެ.

