އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"ޕިންކް ރިބަން ރަން ވޯކް 2017" ހޮނިހިރު ދުވަހު ބާއްވަނީ

25 އޮކްޓޯބަރ 2017     6 years ago


"ޕިންކް ރިބަން ރަން ވޯކް 2017" ހޮނިހިރު ދުވަހު ބާއްވަނީ

އުރަމަތީގެ ކެންސަރާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ "ޕިންކް ރިބަން ރަން ވޯކް 2017"،  އޮކްޓޯބަރު 28 ވާ ހޮނިހިރު ދުވަހު އޮންނާނެއެވެ. މިކަން އިންތިޒާމްކުރަނީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެންނެވެ.

ކެންސަރާމެދު އާންމުން ހޭލުންތެރިކުރުމަށް ބާއްވާ ދުވުން އަދި ހިނގާލުމުގެ މިހަރަކާތް ހިތަދޫ އަވަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސްކޫލުން ފެށިގެން އައްޑޫސިޓީ ކައުންސިލްގެ އިދާރާއާއި ހަމައަށެވެ. މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އަވަށުގެ ހަރަކާތް ފެށޭނީ މަރަދޫ ޕާރކް ސަރަހައްދުން ފެށިގެން ފޭދޫ ބަނދަރު ސަރަހައްދާ ހަމައަށެވެ. އަދި ހުޅުދޫ، މީދޫ އަވަށުގެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމީދޫ ސިއްޙީ މަރުކަޒު ކުރިމަތިންނެވެ.

ރާއްޖޭގެ 28 ރަށެއްގައި ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ މިހަރަކާތް ފެށޭނީ ހޮނިހިރު ދުވަހުގެ ހަވީރު 4 ޖަހާއިރުއެވެ. 

މިހަރަކާތުގެ ތެރެއިން ދުވަހާއި ގުޅޭ ޓީޝާޓް ވިއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ. ކެންސަރ ސޮސައިޓީގެ ފޯކަލް ޕޮއިންޓުގެ ގޮތުގައި މިހަރަކާތަށް ކަނޑައަޅާފައިވާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ދަމަނަވެށި، މަރަދޫ ސިއްޙީ މަރަކަޒު، މަރަދޫފޭދޫ ސިއްޙީ މަރުކަޒު، ފޭދޫ ސިއްޙީ މަރުކަޒު އަދި ހުޅުމީދޫ ސިއްޙީ މަރުކަޒުން ޓީޝާޓް ގަންނަން ލިބޭއިރު ޓީޝާޓެއް ވިއްކުމަށް ހަމަޖެހިފައިވަނީ 150 ރުފިޔާއަށެވެ.

ބްރެސްޓް ކެންސަރ އެވައަރނެސް މަހުގެ ގޮތުގައި އޮކްޓޯބަރު މަސް ފާހަގަކުރާއިރު ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކުވެސް އޮކްޓޯބަރު މަހު މާލޭގައި "ޕިންކް ރިބަން ރަން ވޯކް" މިނަމުގައި ޚާއްސަ ހަރަކާތެއް ބާއްވައެވެ.