އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެމްޓީސީސީގެ ހިއްސާދާރުންނަށް ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލަނީ

18 ޑިސެމްބަރ 2017     6 years ago


އެމްޓީސީސީގެ ހިއްސާދާރުންނަށް ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލަނީ

އެމްޓީސީސީގެ ހިއްސާދާރުންނަށް އައްޑޫއިން ހިއްސާ ގަތުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް ދާނެއެވެ. މިގޮތުން މިކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ޑިސެމްބަރ 21 ވާ ބުރާސްފަތި ދުވަހުން ފެށިގެން 27 ޑިސެމްބަރުގެ ނިޔަލަށް އެމްޓީސީސީގެ ޓީމެއް އައްޑޫއަށް ޒިޔާރަތްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޒިޔާރަތުގައި ހިއްސާގަތުމާއި ހިއްސާގެ ފައިދާއާ ގުޅޭގޮތުން ބޭނުންވާ މައުލޫމާތު އެމްޓީސީސީގެ ޓީމުން ހިއްސާދާރުންނަށް އޮޅުންފިލުވައި ދެއްވާނެއެވެ. މިބައްދަލުވުންތައް އައްޑޫސިޓީގެ ހުރިހާ އަވަށެއްގައި ވެސް ކުރިއަށްދާނެއެވެ. އަދި ކޮންމެ އަވަށެއްގައިވެސް މައުލޫމާތު ދިނުމުގެ ސެޝަނަކާއި ހިއްސާ ގަތުމާއި ފައިދާ ދޫކުރުމުގެ ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

މިރައިޓްސް އިޝޫގެ ތެރެއިން ކުންފުނީގެ ހިއްސާދާރުން ބައްލަވައިގެންފައިވާ ކޮންމެ ހިއްސާއަކަށް ހިއްސާއެއް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ހިއްސާއެއްގެ އަގަކީ -/62 ރުފިޔާއެވެ. އަދި ހިއްސާ ގަތުމުގެ ހައްޤު ލިބިގެންވަނީ 09 އޮކްޓޮބަރު 2017 ގެ ހަވީރު 16:00 އާއި ހަމައަށް އެމްޓީސީސީގެ ހިއްސާދާރެއްގެ ގޮތުގައި ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ނުވަތަ އެތާރީޚާއި ހަމައަށް ހިއްސާދާރެއްގެ ގޮތުގައި ހުރި ފަރާތަކުން އެފަރާތަކަށް ލިބިދީފައިވާ ހައްޤު ބަދަލުކުރި ފަރާތަކަށެވެ.

ހިއްސާގެ ފައިދާ ދޫކުރަން ހަމަޖެހިފައިވަނީ ހިއްސާދަރުންގެ ބޭންކް އެކައުންޓަށް ޖަމާކުރާ ގޮތަށެވެ. ނަމަވެސް އެމްޓީސީސީގެ ޝެއަރ ރައިޓްސް އިޝޫގެ ދަށުން ހިއްސާދާރު ނޫން އެހެން ފަރާތެއްގެ އެކައުންޓަށްވެސް ފައިސާ ޖަމާކުރެވިދާނެއެވެ. އަދި މިގޮތަށް އެހެންފަރާތެއްގެ އެކައުންޓަށް ޖަމާކުރުމަށް ބޭންކް ޑިޕޮސިޓް ފޯމް ފުރުމަށްފަހު ހިއްސާދާރު، ހުށަހަޅުއްވާ ފަރާތް އަދި ދެހެކިންގެ ސޮއިއާއެކު ހުށަހެޅިދާނެއެވެ.

މިބައްދަލުވުންތަކަށް ވަޑައިގަންނަވާ ހިއްސާދާރުން އެބޭފުޅެއްގެ އައިޑީ ކާޑު، ހިއްސާގެ ސެޓިފިކެޓް، އަދި ބޭންކް އެކައުންޓް ނަންބަރު ޔަޤީންކުރެވޭނެ ރަސްމީ ލިޔުމެއް ގެންދަންޖެހެއެވެ.