އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ކައުންސިލް އިދާރާގައި ފާހަގަ ކޮށްފި

26 ޑިސެމްބަރ 2017     3 years ago


ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ކައުންސިލް އިދާރާގައި ފާހަގަ ކޮށްފި

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް އަތުގުޅާލުމުގެ ހަރަކާތެއް މިއަދު އައްޑޫސިޓީ ކައުންސިލްގެ އިދާރާގައި ކުރިއަށް ގެންގޮސްފިއެވެ. މިއަދު ހެނދުނު 09:15 ގައި ކުރިއަށްގެންދިޔަ މި އަތުގުޅާލުމުގެ ހަރަކާތުގައިވަނީ 2014، ޑިސެމްބަރ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިޘާގައި ނިޔާވި މީހުންނާއި، ގެއްލިދިޔަ މީހުންގެ ހަނދާނުގައި 1 މިނިޓްގެ ސުކޫތެއް ގެނެސްފައެވެ. މި ސުކޫތަށްފަހު ދުވަހާގުޅޭ ޚާއްޞަ ދުޢާއެއްވަނީ ކޮށްފައެވެ.

މި ހަރަކާތުގައި އައްޑޫސިޓީގެ މޭޔަރ އާއި ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސެކްޝަންތަކުގެ ވެރިންނާއި މުވައްޒަފުން އަދި ކައުންސިލްގެ އިދާރާގައި ގާއިމުކުރެވިފައިވާ އޮފީސްތަކުގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ސުނާމީގެ ކާރިޘާ އަށް މިއަދު 13 އަހަރު ފުރުނު އިރު، މިދުވަސް ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ދަނީ ފާހަގަ ކުރެވެމުންނެވެ.

ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ މިދުވަހަކީ ދިވެހިންގެ ހިތްތަކަށް ގިނަ އަސަރުތަކެއް ކުރުވާނެ ދުވަހެއްކަން ކަށަވަރެވެ. އެހެނީ މިދުވަހުގައި ދުނިޔެއާއި އަލްވަދާއު ކިޔަން ޖެހުނު ދިވެހީންނާއި ގެއްލުނު ދިވެހީންގެ އަދަދު ސަތޭކައަށް ވުރެ މަށްޗަށް އަރާއިރު 15،000 ދިވެހި ރައްޔިތުންގެ ގެދޮރު ގެއްލި ގިނަ ތަކްލީފުތަކަކާ ކުރިމަތިލާން ޖެހުނެވެ. ރާއްޖޭގެ 62 އިންސައްތަ ރައްޔިތުންނަށް އެކިކަހަލަ ގެއްލުންތަކާއި ކުރިމަތިލާން ޖެހުނު ނާމާން ހިތްދަތި ދުވަހެކެވެ.

ނަމަވެސް މިދުވަހު ދިވެހީން ދެއްކި އެއްބައިވަންތަކަމާއި ޤައުމީ ރޫޙަކީ އެއާމެދު ފަޚުރުވެރިވާންޖެހޭ ކަމެކެވެ. ޖަމްޢިއްޔާ ޖަމާއައްތަކުންނާއި އަމިއްލަ ފަރުދުން އިސްވެ އަމިއްލަ މަސްލަހަތަށްވެރެ ޤައުމުގެ މަސްލަހަތު އިސްކޮށް ހާލުގައި ޖެހިފައިވާ ދިވެހީންނަށް އެހިތެރިވުމުގައި ކޮށްދެއްވި ބުރަ މަސައްކަތުން ދިވެހީންގެ މެދުގައި އޮތް އެކުވެރި ކަމާއި އެއްބައިވަންތަކަން ހާމަވެގެންދިއައެވެ. އުއްމީދަކީ ދިވެހިން ކޮންމެ ކަމެއްގައިވެސް އަދި ކޮންމެ ހާލަތެއްގައިވެސް އެފަދަ ނަމޫނާ އެއްބައިވަންތަކަމެއްގައި މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤް ލިބުމެވެ.

ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ކުރި  ދުޢާގައި ދިވެހި ޤައުމު އެންމެހާ ނުރައްކާތަކާއި ޤުދުރަތީ ކާރިޘާތަކުންނާއި މުސީބާތްތަކުން ސަލާމަތްކޮށްދެއްވުމަށާއި، ދިވެހިންގެ މެދުގައިވާ އެއްބައިވަންތަކަމާއި އެކުވެރިކަން އިތުރު ކޮށްދެއްވުމަށާއި، އިސްލާމީ އުޞޫލުގެ ތެރެއިން ރަޙްމާއި އޯގާތެރިކަމާއި ކުލުނު ހުރި ހެއު ލަފާ ދަރުމަވެރި ބަޔެއް ކަމުގައި ލެއްވުމަށާއި، އިސްލާމީ އުއްމަތް އެއްބައިވަންތަ އުންމަތެއްގެ ގޮތުގައި ލައްވާ ފަލަސްޠީނުގެ ބިމުގައި މުސްލިމުން ބާރުވެރި ކުރެއްވުން އެދި ދުޢާ ކޮށްފައިވެއެވެ.