އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީރާގެ އޮފީހެއް ހުޅުދޫމީދޫގައި ހުޅުވުމަށް މީރާއަށް ދެންނެވުމަށް ކައުންސިލުން ފާސްކޮށްފި

26 ޑިސެމްބަރ 2017     6 years ago


މީރާގެ އޮފީހެއް ހުޅުދޫމީދޫގައި ހުޅުވުމަށް މީރާއަށް ދެންނެވުމަށް ކައުންސިލުން ފާސްކޮށްފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ)ގެ އޮފީހެއް ހުޅުދޫ ނުވަތަ މީދޫގައި ވީހާވެސް އަވަހަށް ހުޅުވުމަށް މީރާގައި ދެންނެވުމަށް ކައުންސިލުން މިއަދު ނިންމައިފިއެވެ.

ކައުންސިލުން މިގޮތަށް ނިންމީ މިއަދު ބޭއްވުނު ކައުންސިލްގެ 3 ވަނަ ދައުރުގެ 29 ވަނަ ރަސްމީ ޖަލްސާގައި ހުޅުދޫ ކައުންސިލަރ އިބްރާހިމް ޝުކުރީ ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ. ކައުންސިލަރ ޝުކުރީ ހުށަހެޅުއްވި މައްސަލާގައި ހުޅުދޫ އަދި މީދޫ ރައްޔިތުންނަށް މީރާގެ ޚިދުމަތް ހޯދަން ކަނޑު ހުރަސްކޮށް ހިތަދޫއަށް ދަތުރު ކުރަން ޖެހުމާއި އެކަމަށް އިތުރަށް ހިނގާ ޚަރަދުގެ އިތުރުން ގިނަ ތަކްލީފުތަކާ ކުރިމަތިލާންޖެހޭ މައްސަލައަށް ހައްލެއް ހޯދުމަށް މީރާގެ އޮފީހެއް ވީހާވެސް އަވަހަކަށް ހުޅުދޫ ނުވަތަ މީދޫގައި ހުޅުވަންޖެހޭކަން ފާހަގަކޮށްފައިވެއެވެ. އަދި އެކަމަށްޓަކައި މީރާގައި ދެންނެވުމަށް ކައުންސިލުން ފާސްކުރެވުނެވެ.

މީގެ ކުރިންވެސް ކައުންސިލުން މީރާއަށް މިމައްސަލަ ހުށަހަޅުއްވާފައިވެއެވެ. އެފަހަރު މީރާއިން ވަނީ މިއަހަރުގެ ޑިސެމްބަރު މަސް ފެށެންވާއިރަށް މީރާގެ އޮފީހެއް ހުޅުދޫގައި ޤާއިމް ކުރެވޭނެކަމަށް ކައުންސިލަށް ދަންނަވާފައެވެ. ނަމަވެސް މިއަހަރު ނިމެން މަދު ދުވަސްތަކަކަށް ވެފައިވާއިރު އަދިވެސް މީރާގެ އޮފީހެއް ހުޅުމީދޫގައި ހުޅުވޭގޮތް ވަނީ ނުވެފައެވެ.

މިމައްސަލައަކީ ހުޅުމީދޫ ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައިވާ ވަރަށް ބޮޑު ތަކްލީފެއްކަމުން ގިނަ އަދަދެއްގެ ރައްޔިތުންގެ ޝަކުވާ އަބަދުވެސް ކައުންސިލަށް ލިބެމުންދެއެވެ.