އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލް އިދާރާގެ ބިޑް ކޮމިޓީ ހިންގާނެ އުސޫލު ފާސްކޮށް ކޮމިޓީއަށް މެމްބަރުން އައްޔަން ކުރައްވައިފި

24 ޖެނުއަރީ 2018     6 years ago


ކައުންސިލް އިދާރާގެ ބިޑް ކޮމިޓީ ހިންގާނެ އުސޫލު ފާސްކޮށް ކޮމިޓީއަށް މެމްބަރުން އައްޔަން ކުރައްވައިފި

އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ހޯދަންޖެހޭ ޚިދުމަތްތައް ހޯދުމާއި، ތަކެތި ގަތުމާއި، ޕްރޮޖެކްޓްތައް ހިންގާނެ ފަރާތްތައް ހޯދުމާއި، އެކަންކަމާއި ގުޅޭ ކަންކަން ހިންގާނެ ގޮތާއި ބިޑް ކޮމިޓީ އެކުލަވާ ލުމާއި ކޮމިޓީ ހިންގާނެ ގޮތުގެ އުޞޫލު ފާސްކޮށްފިއެވެ.

މިއުޞޫލު އެކުލަވާލުމުގެ މަޤްސަދަކީ އައްޑޫސިޓީ ކައުންސިލް އިދަރާއިން ހިންގަން ބޭނުންވާ ޕްރޮޖެކްޓްތައް ރާވައި ހިންގުމާއި، ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގައި ބިޑް ޑޮކިއުމެންޓްގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި އިޖްރާއަތްތަކާއި އެއްގޮތަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއި އެކު ވަކި ފަރާތަކަށްނުޖެހި ޢަމަލުކުރާނެ ހަރުދަނާ ދެފުއްފެންނަ އުޞޫލުތަކެއް ކަނޑައެޅުމެވެ.

ބިޑް އުސޫލުގައިވާ ގޮތުގެމަތިން ބިޑް އިވެލުއޭޓް ކުރާނެ ފަރާތްތަކާއި ބިޑް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފަރާތްތައް މިހާރު ވަނީ އައްޔަން ކުރެވިފައެވެ. މިގޮތުން އިވެލުއޭޝަން ކޮމިޓީގައި ހިމެނެނީ 5 މެމްބަރުންނެވެ. އެއީ ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓްގެ 2 މުވައްޒަފުންނާއި ޕްރޮޖެކްޓް، ލީގަލް އަދި ފައިނޭސް ސެކްޝަންތަކުން ހަމަޖައްސާ މުވައްޒަފުން ހިމެނޭގޮތަށެވެ.  ބިޑް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ 7 މެމްބަރުންނެވެ. އެއީ ކައުންސިލުން ކަނޑައަޅާ 2 މެމްބަރުންނާއި ކައުންސިލް އިދާރާގެ ފައިނޭންސް ސެކްޝަން، ލީގަލް، ޕްރޮޖެކްޓް، ޕްލޭނިންގ އަދި ޑިވެލޮޕްމަންޓް ސަރވިސް ޑިވިޝަނުން ކަނޑައަޅާ މުވައްޒަފުން ހިމެނޭ ގޮތަށެވެ.

ބިޑް ކޮމިޓީއަށް ކައުންސިލުން ކަނޑައަޅާ ދެ މެމްބަރުންގެ ގޮތުގައި އައްޔަންކުރައްވާފައިވަނީ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް އަދި މަރަދޫ ދާއިރާގެ ކައުންސިލަރ އިބްރާހިމް ފައިސަލްއެވެ. މީގެ އިތުރުން ކޮމިޓީގެ މުޤައްރިރުގެ މަޤާމަށާއި ކޯޗެއަރ ގެ މަޤާމަށްވެސް މިދެބޭފުޅުންވަނީ މިއަދު ކޮމިޓީ އެކުލަވާލުމަށް ބޭއްވުނު ބައްދަލުވުމުގައި ނެގުނު ވޯޓުން ފާސްވެފައެވެ. ކޮމިޓީގެ މުޤައްރިރުގެ މަޤާމަށް ޑެޕިއުޓީ މޭޔަރ ހޮވިވަޑައިގެންނެވިއިރު ކޯޗެއަރ ގެ މަޤާމަށް ހޮވިވަޑައިގަތީ ކައުންސިލަރ ފައިސަލްއެވެ.

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަދި ޤަވާއިދު ނަންބަރު 20-R/2017 ދައުލަތުގެ މާލިއްޔަތު ޤަވާއިދު (20 ފެބްރުއަރީ 2017) ގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ކައުންސިލަށް ލިބިދޭ ބާރުތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި ތަޢާރުޟްނުވާ ގޮތެއްގެމަތިން ބިޑް ކޮމިޓީ އެކުލަވާލައި އުޞޫލު ތައްޔާރު ކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.