އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަމިއްލަ ފަރާތަކުން ރަނގަޅު ފެންވަރަކަށްހެދި ހިނަވާގެ ކައުންސިލާ ހަވާލުކޮށްފި

25 ޖެނުއަރީ 2018     3 years ago


އަމިއްލަ ފަރާތަކުން ރަނގަޅު ފެންވަރަކަށްހެދި ހިނަވާގެ ކައުންސިލާ ހަވާލުކޮށްފި

އައްޑޫސިޓީގައި މަސައްކަތް ކުރައްވާ ވިޔަފާރިވެރިއެއްކަމުގައިވާ، ހ. އަސްފަރު، އިދުރީސް ޤާސިމް (ތަރިކަ، މަރަދޫފޭދޫ / އައްޑޫސިޓީ) އަމިއްލައަށް އިސްނަންގަވައިގެން ޒަމާނީފެންވަރަށް ހެއްދެވި ހިނަވާގެ ކައުންސިލާ މިއަދު ހަވާލުކޮށްފިއެވެ.

މަރަދޫފޭދޫ މަސްޖިދުލް ޢަލީ އާއި އިންވެގެން ހަދާފައިވާ  މިހިނަވާގެ ކައުންސިލާ ހަވާލު ކުރުމަށްޓަކައި މަރަދޫފޭދޫ އަވަށު އޮފީހުގައި ކުޑަ ރަސްމިއްޔާތެއް ވަނީ މިއަދު ބޭއްވިފައެވެ. މިރަސްމިއްޔާތުގައި ކައުންސިލުން ވަނީ އިދްރީސް ޤާސިމް އިޖްތިމާޢީ ގޮތުން އައްޑޫއަށް ކޮށްދެއްވާ މިފަދަ މަސައްކަތްތަކަށް ޝުކުރު އަދާކޮށް ހަނދާނީ ލިޔުމެއް އަރުވާފައެވެ.

ހިނަވާގެ ކައުންސިލާ ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް ދެއްކެވި ވާހަކަފުޅުގައި މަރަދޫފޭދޫއަށް އިދްރީސް ޤާސިމް ކޮށްދެއްވި މިއަގުހުރި މުހިއްމު މަސައްކަތަށް ޝުކުރުއަދާކޮށް ތަޢުރީފު ކުރައްވާފައިވެއެވެ. މި ރަސްމިއްޔާތުގައި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ބައެއް އިސްވެރިން ބައިވެރިވެލެއްވިއެވެ.

ރަނގަޅުފެންވަރަކަށް ތައްޔާރުކުރެވިފައިވާ މިހިނަވާގޭގައި ހިނެވުމުގެ އިތުރުން ކަފުންކުރުމަށް ބޭނުންވާ ތަކެތި އަދި އެކަމަށް ޚާއްސަ ކުރެވިފައިވާ ކޮޓަރިއެއްގެ އިތުރުން މައްޔިތާގެ މޫނުދެއްކުން ބާއްވާނެ ތަނެއް ވަނީ ތައްޔާރުކުރެވިފައެވެ.

މަރަދޫފޭދޫ މި ހިނަވާގެއަކީ އައްޑޫގައި ހުޅުވުނު ދެވަނަ ހިނަވާގެއެވެ. ދެން ހިނަވާގެއް ހުރީ ހިތަދޫ އަވަށު ސަހަރާގައެވެ.