އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ ސަފާތު އދ. ގެ ޒުވާން ލީޑަރަކަށް ހޮވިއްޖެ

22 ސެޕްޓެމްބަރ 2016     4 years ago


ހުޅުދޫ ސަފާތު އދ. ގެ ޒުވާން ލީޑަރަކަށް ހޮވިއްޖެ

(ޚަބަރު އައްޑޫ ލައިވްއިން -  ފޮޓޯ  ވީނިއުސްއިން)

އދ. ގެ ޒުވާން ލީޑަރުންގެ ތެރެއިން އެއް ލީޑަރެއްގެ ގޮތުގައި ހުޅުދު އަށް ނިސްބަތްވާ ސަފާތު އަހްމަދު ޒާހިރު ހޮވިއްޖެއެވެ.

ސަފާތު އދ. ގެ ތަރައްޤީގެ 17 ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ހޮވި 17 ޒުވާނުންގެ ތެރޭގައި ހިމެނުނީ ޖުމްލަ 186 ޤައުމަކުން ކުރިމަތިލި 18،000 ޒުވާނުންނާ ވާދަކޮށްގެންނެވެ. މި ޒުވާނުންތައް ހޮވާފައިވަނީ 19 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރުފުރާއިންނެވެ.

ސަފާތު ހޮވުނީ އދ. ގެ ތަރައްޤީގެ އެއް ލަނޑުދަނޑި ކަމަށްވާ އަންހެނުންގެ ޙައްޤުތަކަށް މަސައްކަތް ކުރުމުގެ ދާއިރާއިންނެވެ. އދ. އިން ހޮވި ޒުވާން ލީޑަރުންތައް މަސައްކަތް ކުރާނީ އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ ޚާއްސަ މަންދޫބު ކަމަށްވާ އަހްމަދު އަލެންދާވީގެ އޮފީހުގެ ދަށުންނެވެ.

އދ. އިން ބުނާ ގޮތުގައި އދ. ގެ ޒުވާން ލީޑަރުންގެ ޒިންމާއަކީ އެ ޖަމިއްޔާގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށްޓަކއި އެކިއެކި ޤައުމްތަކުން ކުރާ މަސައްކަތްތަކުގައި ޒުވާނުންގެ ވީހާވެސް ބޮޑު ބައިވެރިވުމަކާއި ތާއީދު ހޯދުމެވެ.

އދ. ކަނޑައަޅާފައިވާ ތަރައްޤީގެ ލަނޑުދަނޑިތައް 15 އަހަރުގެ ތެރޭގައި ޙާސިލްކުރަން ޖެހޭއިރު، އެ ލަނޑުދަނޑިތަކުގެ ތެރޭގައި މއިގަނޑުގޮތެއްގައި ހިމެނެނީ ޒުވާނުން ބާރުވެރިކުރުވުމާއި، ޖިންސީ ތަފާތުކުރުންތައް ނައްތާލުމާއި އަދި ފަޤީރުކަން ނައްތާލުމާއި ބެހޭ ކަންތައްތަކެވެ.

ސަފާތު ވަނީ މީގެ ކުރިން ރައީސް އޮފީހުގައި މަސައްކަތް ކުރައްވާފައިއެވެ. އަދި އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބެތު ދެއްވާ ކުއީންސް ޔަންގް ލީޑާޒް އެވޯޑްވެސް މިއަހަރު ސަފާތަށް ވަނީ ލިބިފައިއެވެ.