އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ރައްޔިތުންނަށް އިސްތިއުނާފުކުރުމުގެ ހައްޤަށް އުނިކަން ލިބޭތީ ބަންޑާރަ ނައިބުގެ ސަމާލުކަމަށް ކައުންސިލުން އެކަން މިއަދު ގެންނަވައިފި

29 ޖެނުއަރީ 2018     3 years ago


އައްޑޫ ރައްޔިތުންނަށް އިސްތިއުނާފުކުރުމުގެ ހައްޤަށް އުނިކަން ލިބޭތީ ބަންޑާރަ ނައިބުގެ ސަމާލުކަމަށް  ކައުންސިލުން އެކަން މިއަދު ގެންނަވައިފި

ދެކުނުގެ ރައްޔިތުން ހިމެނޭގޮތުން އައްޑޫ ރައްޔިތުންނަށް އިސްތިއުނާފުކުރުމުގެ ހައްޤަށް އުނިކަން ލިބޭތީ އެކަމުގެ ކަންބޮޑުވުންތައް އައްޑޫސިޓީ ކައުންސިލުން ދައުލަތުގެ ބަންޑާރަ ނައިބުގެ ސަމާލުކަމަށް މިއަދު ގެންނަވައިފިއެވެ.  

އައްޑޫ  ރައްޔިތުންނަށް އިސްތިއުނާފުކުރުމުގެ ޙައްޤު ނުލިބުމުން އެކަމުގެ ކަންބޮޑުވުންތަކާއި ދިމާވާ ދަތިތަކާއި އެކަމުގައި އުފުލަންޖެހޭ ބުރައާއި ވޭނާއި ހިތްދަތިކަމުގެ ޝަކުވާތައް އައްޑޫ ރައްޔިތުން އައްޑޫ ސިޓީ ކައުންސިލްގައި މެދުކެނޑުމެއްނެތި ކުރަމުން ގެންދެއެވެ.

ދިވެހިޖުމްހޫރިއްޔާގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި އަސާސީ ޙައްޤުތަކާއި މިނިވަންކަން ވަރަށް ފުރިހަމައަށް ބަޔާންކޮށްފައި އޮވެއެވެ. މިގޮތުން ޤާނޫނު އަސާސީގެ 18 ވަނަ މާއްދާގައި "މި ޤާނޫނު އަސާސީއާ އެއްގޮތަށް ޢަމަލުކުރުމާއި، މި ބާބުގައި ބަޔާންވެގެންވާ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް" ބަޔާންކޮށްފައިވެއެވެ. ހަމައެއާއެކު ޤާނުނު އަސާސީގެ 56 ވަނަ މާއްދާގައި "ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށް ލިބިގެން ވާކަމަށް" ބަޔާންކޮށްފައި އޮވެއެވެ. ހަމައެއާއެކު ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގައި "އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، އާންމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑުއެހުމެއްގައި، އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިގެންވާކަމަށް" ބަޔާންކޮށްފައިވެއެވެ. 

ޤާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ބ) ގައި "ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، އާންމު މިނިވަންކަން ދިފާއުކުރުމަށް ބަންޑާރަނައިބު މަސައްކަތް ކުރަންވާނެކަމަށް" ބަޔާންކޮށްފައިވާތީ، ދެކުނުގެ ރައްޔިތުން ހިމެނޭގޮތުން އައްޑޫ ރައްޔިތުންނަށް އިސްތިއުނާފުކުރުމުގެ ޙައްޤު ނުލިބި ގިނަދުވަސްތަކެއްވަމުން ދާތީއާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް ޤާނޫނުން ލިބިދޭ މަންފާތަކަށް ހުރަސްއެޅި އާންމު މިނިވަންކަމާއި ރައްޔިތުންގެ ސަލާމަތަށް އުނިކަން ލިބެމުންދާތީ، އިސްތިއުނާފުކުރުމުގެ ޙައްޤު އޭގެ އެންމެ ފުރިހަމަގޮތުގައި މެދެކެނޑުމެއްނެތި ރައްޔިތުންނަށް ލިބިދެވޭނެހެން ދައުލަތުގެ ތެރެއިން މިކަމަށް ބާރުއަޅުއްވައި ދެއްވައި މިމައްސަލަ ހައްލުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ދައުލަތުގެ ބަންޑާރަނައިބުގެ ކިބައިން  އެދިފައިވެއެވެ.