އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލާ ހިއްސާކޮށްފި

2 މާރޗް 2018     6 years ago


ހުޅުދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލާ ހިއްސާކޮށްފި

އައްޑޫސިޓީ ކައުންސިލުގެ ފަރާތުން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ހުޅުދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލާ ހިއްސާކޮށް، ރައްޔިތުންގެ ޝުޢޫރު ފާޅުކޮށްފިއެވެ.

ކައުންސިލްގެ ފަރާތުން ރައްޔިތުންގެ މަޝްވަރާއާއި ހިޔާލު ހޯދުމުގެ ގޮތުން ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ހުޅުދޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އަޑުއުފުލާފައިވަނީ ހުޅުދޫ ފުޓްބޯޅަ ދަނޑުގައި ލައިޓް ޕޯސްޓް ހަރުކޮށް ދިއްލޭނެ އިންތިޒާމް ހަމަނުޖެހި ގިނަ ދުވަސްތަކެއްވުމެވެ.

މިރޭގެ ބައްދަލުވުމުގައި އަޑުއުފުލި ފަރާތްތަކުން، ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ބޭނުންނުހިފި ދިގުދެމިގެންދާކަން ފާހަގަކޮށް އެކަމަށްޓަކައި ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވަނީ ސުވާލުކޮށްފައެވެ. އަދި އެފަރާތްތަކުގެ ޝުޢޫރު ފާޅުކޮށް ލިޔެފައިވާ ބެނާއެއްވަނީ ދައްކާފެއެވެ.

ހުޅުދޫ ރައްޔިތުންގެ މިކަންބޮޑުވުންތަކުގެ އަޑު އަހައި ރައްޔިތުންގެ ސުވާލުތަކަށް މޭޔަރ އަބްދުﷲ ޞާދިޤް، ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް، ފޭދޫ ދާއިރާގެ ކައުންސިލަރ ޢަލީ ފަޙްމީ އަދި މީދޫ އަދި މަރަދޫފޭދޫ ދާއިރާގެ ކައުންސިލަރ ހުސައިން ހިޔާޟް ވަނީ ޖަވާބުދެއްވާފައެވެ.

ހުޅުދޫ ރައްޔިތުންގެ ކަންބޮޑުވުންތަކައް ޖަވާބުދެއްވަމުން މޭޔަރ އަބްދުﷲ ޞާދިޤް ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލުން ބަލައިގަންނާނީ އުފަލާއެކު ކަމަށެވެ. މޭޔަރ ވިދާޅުވިގޮތުގައި ކައުންސިލުން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު ކަންކަން ރާވައި ކުރިއަށް ގެންދިއުމަށްކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ދިމާވާ މައްސަލަތައް ކައުންސިލާ ހިއްސާކުރުމަކީ ކަންކަން ރަނގަޅުކުރުމަށް މަގުފަހިވެގެންދާނެކަމެށެވެ.

ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި އެކަމަށް ކުރެވެންހުރި މަސައްކަތްތައް ކުރުމަށް ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކައުންސިލް އިދާރާއަށް ދާދިފަހުންވަނީ ކޮމްޕްލެއިންޓްސް މެނޭޖްމެންޓް ސްފްޓެވެއަރ ގަނެފައެވެ. އަދި މިސޮފްޓްވެއަރ ބޭނުންކުރުމުގެ ތަމްރީނުތައް މިހަފްތާގައި ވަނީ މުވައްޒަފުންނަށް ދެވިފައެވެ.

އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ކޮންމެ އަހަރަކުވެސް ފާއިތުވި އަހަރު ކައުންސިލުން ހިންގާފައިވާ ހަރަކާތްތަކާއި، ޚަރަދުތަކާއި، ކައުންސިލުން ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކޮށް އެކަންކަމާއިގުޅޭގޮތުން ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯދުމަށް ރައްޔިތުންނާއެކު ބައްދަލުވުންތައް ބާއްވައެވެ.