އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހައްދުންމަތީ އަތޮޅު ކައުންސިލުން އައްޑޫސިޓީއަށް ޒިޔާރަތް ކުރައްވައިފި

5 މާރޗް 2018     6 years ago


ހައްދުންމަތީ އަތޮޅު ކައުންސިލުން އައްޑޫސިޓީއަށް ޒިޔާރަތް ކުރައްވައިފި

ތަޖުތިބާ ހޯދުމުގެ ގޮތުން ހައްދުންމަތީ އަތޮޅު ކައުންސިލުގެ މެމްބަރުންގެ ޓީމެއް އައްޑޫސިޓީއަށް ވަޑައިގެންފިއެވެ.

ހައްދުންމަތީ އަތޮޅު ކައުންސިލްގެ މިޒިޔާރަތަކީ އައްޑޫސިޓީގެ މަސައްކަތްތައް ހިނގާ ގޮތާއި، އައްޑޫގެ ސަޤާފަތާއި، ވިޔަފާރިއާއި އައްޑޫސިޓީ ކައުންސިލުން ހިންގާ ޕްރޮޖެކްޓްތައް ބައްލަވާލެއްވުމަށާއި، ދެފަރާތުގެ ދެމެދުގައިވާ ގުޅުން ބަދަހިކޮށް، އެކުގައި ތަރައްޤީއަށް މަސައްކަތްކުރެވޭނެ ގޮތުގެ މަޝްވަރާތައް ކުރެއްވުމަށް ކުރައްވާ ޒިޔާރަތެކެވެ.

މިދަތުރުގައި ހައްދުންމަތީ ކައުންސިލްގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ އަތޮޅު ކައުންސިލުގެ ރައީސް އަބްދުﷲ ޝަރީފް، އިސްދޫ ދާއިރާގެ ކައުންސިލަރ ހުސައިން ނައީސް، ފޮނަދޫ ދާއިރާގެ ކައުންސިލަރ ޝާހީން އިސްމާޢީލް، ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ ނައިބް ރައީސް މޫސާ ޢަބުދުﷲ، ހައްދުންމަތީ ގަމު ކައުންސިލްގެ ނައިބް ރައީސް އަޙްމަދު ޝާހީންގެ އިތުރުން އިދާރީ މުވައްޒަފެކެވެ.

3 ދުވަހުގެ މިދަތުރުގައި ހައްދުންމަތީ އަތޮޅު ކައުންސިލުންވަނީ އައްޑޫގެ ގިނަ ތަންތަނަށް ޒިޔާރަތްކޮށް ބައްލަވާލައްވާފައެވެ.

މިޒިޔާރަތުގެ ތެރެއިން އައްޑޫގެ ގަމުގެ އާސާރީ ބިނާތަކާއި، މަރަދޫ ބޮނޑޮގެއާއި، އީދިގަލީ ކިޅި އަދި ކޯއްޓޭ ސަރަހައްދުތަކުގެ މަޢުލޫމާތު އައްޑޫސިޓީ ކައުންސިލުން ހައްދުންމަތީ ކައުންސިލްގެ ޓީމަށް ވަނީ އަރުވާފައެވެ. އަދި ކޯއްޓޭ ވެހެރަފަންނުގައި އައްޑޫއަށް ޙާއްސަ ބާވަތްތައް ހިމެނޭގޮތަށް ތައްޔާރު ކުރެވިފައިވާ ސައިފޮދެއްވެސް ވަނީ އަރުވާފައެވެ. މީގެ އިތުރުން ހުޅުދޫ އަދި މީދޫގެ ބައެއް ސަރަހައްދުތަކަށާއި އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީ ޒިޔާރަތްކޮށް މަސައްކަތް ހިނގާގޮތް ބައްލަވާލައްވާފައިވެއެވެ. އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީއާއެކު ބޭއްވުނު ބައްދަލުވުމުގައި، ގުޅިގެން ކުރެވެންހުރި ކަންކަމުގެ މަޝްވަރާތައް ދެފަރާތުން ވަނީ ކޮށްފައިވެއެވެ.

ހައްދުންމަތީ އަތޮޅު ކައުންސިލްގެ މިޒިޔާރަތުގައި އިއްޔެ ވަނީ ކައުންސިލާވެސް ބައްދަލުކޮށްފައެވެ. އައްޑޫސިޓީ ކައުންސިލްގެ އިދާރާގައި ކުރިއަށްދިއަ މިބައްދަލުވުމުގައި އައްޑޫސިޓީ ކައުންސިލުން ބަހައްޓާ ގާތްކަމާއި ފުރިހަމަ މެހްމާންދާރީއަށްޓަކައި ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް ވަނީ ޝުކުރު އަދާކޮށްފައެވެ.

ހައްދުންމަތީ އަތޮޅު ކައުންސިލްގެ މިދަތުރު ނިންމާލައި ފުވައްމުލަކު ސިޓީއަށް މިއަދު ފުރުމަށްވަނީ ހަމަޖެހިފައެވެ.