އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޝަންގްރިއްލާގެ ސީއެސްއާރު ޕްރޮގްރާމު ރޭވުމުގައި ކައުންސިލާއެކު މަޝްވަރާކޮށްފި

12 މާރޗް 2018     6 years ago


ޝަންގްރިއްލާގެ ސީއެސްއާރު ޕްރޮގްރާމު ރޭވުމުގައި ކައުންސިލާއެކު މަޝްވަރާކޮށްފި

ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން މިއަހަރު ހިންގާނެ ހަރަކާތްތައް ރޭވުމުގައި ކައުންސިލްގެ މަޝްވަރާ ހޯދުމަށް މިއަދު ދެފަރާތުން ބައްދަލުކޮށްފިއެވެ.

ޝަންގްރިއްލާގެ ދައުވަތަކަށް މިއަދު ބޭއްވުނު ބައްދަލުވުމުގައި ކައުންސިލުންވަނީ ސީއެސްއާރުގެ ދަށުން ދެފަރާތް ގުޅިގެން މިއަހަރު ހިންގިދާނެ މުހައްމު ހަރަކާތްތައް ކަމަށް ކައުންސިލުން ދެކޭ ކަންކަން ހުށަހަޅާފައެވެ. މިގޮތުން ކައުންސިލުން ހުށަހެޅި ބައެއް ކަންތައްތަކުގެ ތެރޭގައި، މުޅި އަހަރަށް ބަހާލައިގެން ރަށް ސާފުކުރުމުގެ ހަރަކާތްތައް ހިންގުމާއި، ރަށް ސާފުތާހިރުކޮށް ބޭއްވުމުގެ މުހިއްމުކަމާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް އެވެއަރނެސް ޕްރޮގްރާމް ހިންގުމާއި، މިއަހަރަކީ ބައިނަލްއަގުވާމީ ފަރުތަކުގެ އަހަރުގެ ގޮތުގައި ފާހަގަކުރާ އަހަރަކަށްވާތީ ފަރު ސާފުކުރުމުގެ ހަރަކާތްތައް ހިންގުން ހިމެނެއެވެ.

އައްޑޫގެ މުޖުތަމައަށް ފައިދާހުރި ހަރަކާތްތައް ހިންގައި އެކަންކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ޝަންގްރިއްލާއާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން މިއަހަރު ކުރެވެންހުރި ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޝަންގްރިއްލާ ރިސޯޓުގައި ބޭއްވި ބައްދަލުވުމުގައި ޝަންގްރިއްލާގެ ޖެނެރަލް މެނޭޖަރ ފިލިޕް ކްލަވެރޮޓް ބުނީ، ސީއެސްއާރުގެ ދަށުން އައްޑޫގެ މަންފާއަށް ގިނަ ކަންކަން ރާވަމުންގެންދާ ކަމަށެވެ. ވަކިން ހާއްސަކޮށް ކައުންސިލުން ފާހަގަކުރި ފަދައިން ކުނީގެ މައްސަލައަކީ އައްޑޫއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމުން ސީއެސްއާރުގެ ދަށުން އެކަމަށް ހައްލެއް ހޯދުމަށް ހަރަކާތްތައް ހިންގުމަށް އެހީތެރިވާނެ ކަމެށެވެ.

ޝަންގްރިއްލާ ރިސޯޓަކީ އިޖުތިމާއީ ޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް މިފަދަ އެކި އެކި ހަރަކާތްތައް ހިންގަމުންދާ ރިސޯޓެކެވެ.