އައްޑޫސިޓީ ކައުންސިލްގެ އިދާރާ

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޢާންމުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ފެށިއްޖެ

25 އެޕްރީލް 2018     6 years ago


2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޢާންމުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ފެށިއްޖެ

ރިޔާސީ އިންތިޚާބު 2018 އަށް، އިލެކްޝަންސް ކޮމިޝަނުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ ޢާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން އައްޑޫސިޓީގައި ހިންގާ ސެޝަންތައް މިއަދު ފެށިގެން ކުރިއަށް އެބަދެއެވެ.

އައްޑޫސިޓީގެ ހުރިހާ އަވަށެއްގެ ރައްޔިތުންނަށްވެސް އިންތިޚާބާ ގުޅޭ މަޢުލޫމާތު ދެވޭނެހެން ހިންގާ މި ސެޝަންތައް ހިންގުމަށް ހަމަޖެހިފައިވަނީ 3 ދުވަހަށް ބަހާލައިގެންނެވެ. މިގޮތުން ހިތަދޫގައި ބާއްވާ ސެޝަނުގައި އާންމު މުޢައްސަސާތަކުން 60 ބައިވެރިންނާއި ޕޮލިހުގެ ފަރާތުން 30 ބައިވެރިންނާއެކު މިއަދު ކައުންސިލް އިދާރާގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މަރަދޫ، މަރަދޫފެދޫ އަދި ފޭދޫގެ ރައްޔިތުންނަށް ހިންގާ ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 28 އެޕްރިލް ވާ ހޮނިހިރު ދުވަހު އިރުޝާދިއްޔާ ސްކޫލުގައެވެ. އަދި ހުޅުދޫ، މީދޫގެ ރައްޔިތުންނަށް ހިންގާ ސެޝަން ކުރިއަށްދާނީ 29 އެޕްރިލް ވާ އާދީއްތަ ދުވަހު ސ.އަތޮޅު މަދުރަސާގައެވެ.

ރިޔާސީ އިންތިޚާބަށް ޢާންމުން ހޭލުންތެރިކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ހިންގާ މިސެޝަންތަކުގައި ރިޔާސީ އިންތިޚާބާއި ބޭހޭ މަޢުލޫމާތާއި، ވޯޓުލާ މީހުންގެ ހައްޤުތަކާއި ޒިންމާތަކާއި، އިންތިޚާބުގައި މަނާ ކަންތައްތަކާއި، ޝަކުވާ ހުށަހެޅުމުގެ ނިޒާމާއި، އޮފިޝަލުންގެ ޒިންމާތަކާއި އަދި ވޯޓު ނެގުމާއި ގުނުމުގެ މަރުހަލާ ފަދަ ކަންކަމާއި ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވޭނެއެވެ.

މިއަހަރުގެ ފަހުކޮޅުގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންދާއިރުން އައްޑޫގައި މިހިންގޭ ހޭލުންތެރިކުރުމުގެ ސެޝަންތައް ރާވައި ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ވަޑައިގެންނެވި ޓީމުން މިއަދު ވަނީ ކައުންސިލާ ބައްދަލުކުރައްވާފައެވެ.

މިބައްދަލުވުމުގައި އިންތިޚާބު ކުރިއަށް ގެންދިއުމުގައި ކަންކަން ރާވާފައިވާ ގޮތުގެ މަޢުލޫމާތު އެފަރާތުންވަނީ ކައުންސިލާ ހިއްސާކުރައްވާފައެވެ. އަދި ކައުންސިލުން ފަހާގަ ކުރައްވާ ކަންބޮޑުވުންތަކުގެ މަޢުލޫމާތު ވަނީ ހޯއްދަވާފައެވެ.