އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގައުކެނޑި ކޯޒްވޭގެ ފެންސް ޖެހެމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

24 ސެޕްޓެމްބަރ 2016     4 years ago


ގައުކެނޑި ކޯޒްވޭގެ ފެންސް ޖެހެމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ހިތަދޫ އަދި މަރަދޫ އަވަށް ގުޅުވައިދޭ ގައުކެނޑި ކޯޒްވޭގެ ފެންސް އާކޮށް އަލުން ޖެހުމުގެ މަސައްކަތް ފެށުމަށް ރޭވިފައިވާތީ އެމަސައްކަތް ފެށުމުގެ ކުރިން ކައުންސިލްއިން ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިދިޔަ ބުދަ ދުވަހު އައްޑޫސިޓީ ކައުންސިލް އިދާރާގައި ކުރިއަށް ގެންދެވުނު މިބައްދަލުވުމުގައި މޯލްޑިވްސް ރޯޑް ކޯޕަރޭޝަން، ފެނަކަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އަދި ދިރާގުގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. މިބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ އެކިއެކި ޚިދުމަތްތައް ދިނުމަށް ކޯޒްވޭއި ހުރަސްކޮށް އަޅާފައިވާ ކޭބަލްތަކަށް އެއްވެސް ގެއްލުމެއް ނުލިބި ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން ބޭއްވުނު މަޝްވަރާ ބައްދަލުވުމެކެވެ.

މިބައްދަލުވުމަށްފަހު ބައިވެރިން ވަނީ ގައުކެނޑި ކޯޒްވޭއަށް ޒިޔާރަތްކޮށް އެތަން ބައްލަވާފައެވެ. މިޒިޔާރަތުގައި، ފެންސް ހަރުކުރެވިގެންދާއިރު މަސްބާނަން އެސަރަހައްދަސް ގޮސް އުޅޭ ފަރާތްތަކަށް ވީހާވެސް ރައްކާތެރިކަމާއިއެކު ތިބެވޭނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސެވިގެންދާނެކަމަށް މޭޔަރ އަބްދުﷲ ޞާދިޤް ވަނީ ވިދާޅުވެފައެވެ.

ގައުކެނޑި ކޯޒްވޭގައި ޖެހުމަށް ބޭނުންވާ ފެންސް މިހާރު ވަނީ ކައުންސިލްއިން  ހޯދާފައެވެ.