އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފަތާ ޓްރެކްތައް ސާފު ކުރުމުގެ މަސައްކަތް ފަށައިފި

25 ޖޫން 2018     5 years ago


ފަތާ ޓްރެކްތައް ސާފު ކުރުމުގެ މަސައްކަތް ފަށައިފި

އައްޑޫސިޓީ ކައުންސިލުން ބޮޑު ހޭދައެއްކޮށް އައްޑޫސިޓީގެ ހިތަދޫ އަދި މަރަދޫ އަވަށު ހަންކެޑަ ސަރަހައްދުގައި އަޅާފައިވާ ފަތާ ޓްރެކްތައް ސާފު ކުރުމުގެ މަސައްކަތް އަކުއަވެންޗަރ މޯލްޑިވްސްއިން ފަށައިގެން ކުރިއަށް އެބަދެއެވެ.

ސާފު ނުކުރެވި ދުވަސްތަކެއްވުމުގެ ސަބަބުން ގިނަ އަދަދަކަށް ފެހި އާއި މުރަކަ ފަޅައި އެކަމުގެ ޝަކުވާ އެކި ފަރަތްތަކުން ކައުންސިލަށް ހުށަހެޅުމުގެ ސަބަބުން ކޮންޓްރެކްޓް އުސޫލުން ބަޔަކާ ހަވާލުކޮށްގެން ޓްރެކްތައް ސާފުކުރަން ނިންމައި ކައުންސިލުން  އެމަސައްކަތް އަކުއަވެންޗަރ މޯލްޑިވްސްއާ ހަވާލުކުރީ މިދިޔަ ހަފްތާގައެވެ.

ކައުންސިލުން މިމަސައްކަތް ހަވާލުކުރި އަކުއަވެންޗަރ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ޠައްޔިބު ބުނީ ހިތަދޫ އަދި މަރަދޫ ހަންކެޑަ ސަރަހައްދުގައި އަޅާފައިވާ ޓްރެކްތައް ވަރަށް ބޮޑަށް ފެހި އާއި މުރަކަ ފަޅައި ހަޑި ވެފައިވާކަމަށެވެ. އެހެންކަމުން ޓްރެކަތައް ސާފުކުރުމަށްޓަކައި ޕްރޮފެޝަނަލް ޑައިވަރުން ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިމަސައްކަތް އަކުއަވެންޗަރ އާއި ހަވާލުކޮށްފައިވަނީ މަސައްކަތުގެ ސައިޓު ހަވާލުކުރާތާ ހަތް ދުވަސްތެރޭ މަސައްކަތް ފުރިހަމަ ކުރާ ގޮތަށެވެ.

އާންމުންނަށް ފަސޭހައިން މޫދަށް އެރި ފަތާނެ އިންތިޒާމު ހަމަޖެއްސުމަށް ކައުންސިލުން އެޅި ފަތާ ޓްރެކްތަކުގެ ތެރެއިން ހިތަދޫ އާއި މަރަދޫ ހަންކެޑަ ސަރަހައްދުގެ ޓްރެކްތައް އަޅާފައިވަނީ 2015 ވަނަ އަހަރުއެވެ. ހުޅުދޫ އަދި މީދޫގެ ފަތާ ޓްރެކްތައް އަޅާނެ ސަރަހައްދެއް ކަނޑައެޅުގައި ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން ފަތާ ޓްރެކް އެޅިފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ.