އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ދޫނިސޫފާސޫފި އަދި ޖަނަވާރު ގެންގުޅުމުގެ ޤަވާއިދެއް އެކުލަވާލާ އާންމުންގެ ޚިޔާލަށް ހުޅުވާލައިފި

20 ސެޕްޓެމްބަރ 2018     5 years ago


ދޫނިސޫފާސޫފި އަދި ޖަނަވާރު ގެންގުޅުމުގެ ޤަވާއިދެއް އެކުލަވާލާ އާންމުންގެ ޚިޔާލަށް ހުޅުވާލައިފި

އައްޑޫސިޓީގައި ދޫނިސޫފާސޫފި އަދި ޖަނަވާރު ގެންގުޅުމުގެ ޤަވާއިދެއް އެކުލަވާލައި އާންމުންގެ ހިޔާލު ހޯދުމަށް ޤަވައިދުގެ ޑްރާފްޓް ކައުންސިލުން މިއަދު އާންމުކޮށްފިއެވެ.

މިޤަވާއިދަކީ ޤާނުނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (ހ) އިން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން ކައުންސިލުން ތައްޔާރުކުރި ޤަވާއިދެކެވެ.

މިޤަވާއިދުގައި ބަޔާން ކުރެވިފައިވާ ގޮތުން އައްޑޫސިޓީގައި ގެންގުޅެމުންދާ ދޫނިސޫފާސޫފި ނުވަތަ ޖަނަވާރު ގެންގުޅެވޭނީ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކައުންސިލްގެ އިދާރާއިން ދޫކުރާ ހުއްދައަކާއެކުވެ. މިގޮތުން މިޤަވާއިދަށް އަމަލުކުރަންފެށުމުގެ 3 މަސް ދުވަސްތެރޭގައި، ޤަވާއިދުގެ ކުރިން ރަށްރަށުގެ ވަލުތެރޭގައި ކޮށި އެޅުމަކާނުލައި ނުވަތަ ކޮށި އަޅައިގެން، ވަކި ފަރާތަކަށް ނިސްބަތްވާގޮތަށް ގެންގުޅެމުންދާ ދޫނި ސޫފާސޫފި، ކުކުޅު، ބަކަރި ފަދަ ޖަނަވާރުތައް ގެންގުޅޭ ފަރާތްތަކުން ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ބަދަލުކޮށް ކައުންސިލުން ހުއްދަ ހޯދަން ޖެހެއެވެ. އަދި ވިޔަފާރީގެ ބޭނުމަށް ރަށުގައި ދޫނި ސޫފާސޫފި ނުވަތަ ޖަނަވާރު ގެންގުޅެވޭނީ ކައުންސިލުން އެކަމަށް ކަނޑައަޅާ ފީއެއް ދެއްކުމަށްފަހުއެވެ.

މުނިފޫހިފިލުވުމުގެ ގޮތުން އަމިއްލަ ގޯތީގައި ގެންގުޅޭ ޖަނަވާރާއި، ދޫނިސޫފާސޫފި ގުރާ ފަދަ ތަކެއްޗަކީ ކައުންސިލުން ކަނޑައަޅާ މަދުމިންވަރުގެ އަދަދެއް ކަމަށްވާނަމަ އެތަކެތި ގެންގުޅެން ކައުންސިލްގެ ހުއްދަ ނަގާކަށް ނުޖެހެއެވެ. ނަމަވެސް ރާއްޖޭގައި ގިނަ ދުވަސްތަކެއްވަންދެން ގެންގުޅުމުގެ ސަބަބުން ޢާންމުވެފައިވާ ތަފާތު ބާވަތްތަކުގެ ދޫނީގެ ތެރެއިން، ގުރާ، ލަވްބާރޑް، މައިނާ، މުނިޔާ ފަދަ ބާވަތްތަކުގެ ދޫނި ފިޔަވައި ރާއްޖޭގައި ޢާންމުކޮށް ނޫޅޭ ނުވަތަ ރާއްޖޭގައި ޢާންމުކޮށް އުޅޭ ނަމަވެސް އައްޑޫގައި ޢާންމުކޮށްނޫޅޭ އެއްވެސް ބާވަތެއްގެ ދޫނިސޫފާސޫފި ނުވަތަ ޖަނަވާރު އެއްވެސް ބޭނުމަކަށް ގެންގުޅެންވާނީ އެކަމަށް ކައުންސިލްގެ ހުއްދަ ހޯދައިގެންނެވެ.

މިޤަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޤަވާއިދު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. ޤަވައިދުގެ ޑްރާފްޓް ޑައުންލޯޑް ކުރެއްވުމަށް ލިންކް