އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންކޮށްފި

30 އޮކްޓޯބަރ 2018     5 years ago


ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންކޮށްފި

އައްޑޫސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި، ފުރަތަމަ ފަހަރަށް ކަކުލުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް 2018، އޮކްޓޯބަރ 29 ގައި ކޮށްފިއެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި މި މި އޮޕަރޭޝަން ކުރި ފުރަތަމަ ފަހަރެވެ.

60 އަހަރުގެ އަންހެނެއްގެ ކަކުލުހުޅު ބަދަލުކުރުމުގެ މި އޮޕަރޭޝަން ކުރެއްވީ، އައްޑުއަށް ނިސްބަތްވާ ޑޮކްޓަރުންގެ ޓީމަކުންނެވެ. މި ޓީމްގެ އިސްބޭފުޅަކަށް ހުންނެވީ، ރާއްޖޭގައި ކަކުލު ހުޅު ބަދަލުކުރުމުގެ ދެހާހަށްވުރެ ގިނަ އޮޕަރޭޝަންކޮށްފައިވާ އައި.ޖީ.އެމް.އެޗްގެ ކަށީގެ ޑިޕާޓްމެންޓްގެ ހެޑް އަދި ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. އަލީ މުޒްނީއެވެ. ދެން މިޓީމްގައި ހިމެނެނީ ރާއްޖޭގެ ފުރަތަމަ ކަށީގެ ޑޮކްޓަރު މުހައްމަދު ހަބީބުގެ އިތުރުން ޑރ. ހުސައިން ފައިސަލް އެވެ. މީގެ އިތުރުން އައިޖީއެމްއެޗްގައި ޕިޒިކަލް ރިހެބިލިޓޭޝަން ސްޕެޝަލިސްޓު ޢަބްދުﷲ ރާފިއު އާއި އައިޖީއެމްއެޗްގެ 3 ނަރުހަކު ބައިވެރިވިއެވެ.

" މާލެ ނުގޮސް، ރަށްރަށުގައި ހުރެގެން މިފަދަ އޮޕަރޭޝަންތައް ކުރަން ފެށުމުން ރައްޔިތުންނަށް ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެ." އައްޑޫގައި ކުރި ކާމިޔާބު އޮޕަރޭޝަނަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ޑރ. މުޒުނީ ވިދާޅުވިއެވެ.

މިއަދު އޮޕަރޭޝަން ކުރި އަންހެން މީހާގެ ދެ ފައިގެ ކަކުލު ހުޅު ވެސް ބަދަލު ކުރަން ޖެހޭ އިރު ދެ ވަނަ ފައިގެ އޮޕަރޭޝަން ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ހަމަ މި ހޮސްޕިޓަލުގައި ކުރާނެ ކަމަށް މުޒުނީ ވިދާޅުވި އެވެ.

އާއްމު އޮޕަރޭޝަންތައް ކުރާނެ އާލާތްތައް ރީޖަނަލް ހޮސްޕިޓަލްތަކުގައި ގާއިމު ކޮށްފައިވިއަސް، ހުޅު ބަދަލު ކުރުން ފަދަ ހާއްސަ އޮޕަރޭޝަންތައް ކުރާނީ އެ ކަމަށް ބޭނުން ކުރާ ހާއްސަ ސާމާނު ގެންގޮސްގެން ކަމަށް މުޒުނީ ވިދާޅުވި އެވެ.

ރާއްޖޭގައި ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތައް ކުރަން ފަށާފައިވަނީ މީގެ 13 ވަރަކަށް އަހަރު ކުރިން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ގައެވެ. ފުރަތަމަ ބޭރުން ޑޮކްޓަރުން ގެނެސްގެން އޮޕަރޭޝަން ކުރި ނަމަވެސް މިހާރު މިއޮޕަރޭޝަންތައް ކުރަނީ ދިވެހި ޑޮކްޓަރުންނެވެ.