އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހިންގި ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

30 އޮކްޓޯބަރ 2018     5 years ago


އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހިންގި ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

އައްޑޫސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ އެޑްވާންސް ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއެކު ރޭ ނިންމާލައިފިއެވެ.

މިމަހުގެ 22 ން 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދެވުނު މިކޯހަކީ އަންހެން ކަނބަލުންގެ ކުރިއެރުމާއި، ތަރައްޤީއަށާއި، އެކަނބަލުން މަސައްކަތުގެ ދާއިރާއަށް ނިކުމެ އަމިއްލަ ފައި މައްޗަށް ތެދުވުމަށް އެހީތެރިވުމުގެ ގޮތުން ޑަބްލިއު.ޑީ.ސީ އިން ކުރިއަށް ގެންދިޔަ ކޯހެކެވެ. މިކޯސް ކުރިއަށް ގެންދެވުނީ އައްޑޫގައި އަލަށް ހުޅުވުނު އެފެސް އިންސްޓިޓިއުޓް އޮފް ކޭކް ޑެކޮރޭޝަންސް އެންޑް އާރޓް ގައެވެ. ކޯހުގައި ބައިވެރިންނަށް އުނގަންނައި ދެއްވީ ޕޭސްޓްރީގެ ދާއިރާއިން ފުންނާބު އުސް އަދި އެފެސް އިންސްޓިޓިއުޓް އޮފް ކޭކް ޑެކޮރޭޝަންސް އެންޑް އާރޓްގެ ފައުންޑަރ، ފާތިމަތު ޝީރީންއެވެ.

އައްޑޫގައި އަންހެން ކަނބަލުންގެ ލާބަޔަށް ޑަބްލިއު.ޑީ.ސީ އިން ދަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ. މިކަމާއި ގުޅިގެން ޑަބްލިއު.ޑީ.ސީގެ ރައީސާ ޝެހެނާޒް ރަޝީދު ވިދާޅުވީ މިކޯހުގެ ސަބަބުން އަންހެން ކަނބަލުންނަށް ފައިދާކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އުންމީދަކީ މިފަދަ ކޯސްތަކުގެ ސަބަބުން އަންހެން ކަނބަލުންނަށް ކުރިއަށް ދެވޭނެ އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް"، ޝެހެނާޒު އިތުރަށް ވިދާޅުވިއެވެ.

ޑަބްލިއު.ޑީ.ސީ އިން ވަނީ އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން މިފަދަ އެހެން ކޯސްތައް ވެސް މިއަހަރު ކުރިއަށް ގެންގޮސްފައެވެ. މިގޮތުން މިއަހަރުގެ އޮގަސްޓް މަހު އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ދަބަސްފަހަން ދަސްކޮށްދޭ ކޯހެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.