އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޑީސެންޓްރަލައިޒޭޝަން ކޮމިޓީގެ ފަރާތުން އައްޑޫގައި ހުންނަ ހައުންސިންގ މިނިސްޓްރީގެ ޑިޕާރޓްމެންޓްގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި

31 އޮކްޓޯބަރ 2018     5 years ago


ޑީސެންޓްރަލައިޒޭޝަން ކޮމިޓީގެ ފަރާތުން  އައްޑޫގައި ހުންނަ ހައުންސިންގ މިނިސްޓްރީގެ ޑިޕާރޓްމެންޓްގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި

ވެރިކަން ބަދަލުވުމުގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި އެހީވުމަށް އުފައްދަވާފައިވާ ޑީސެންޓްރަލައިޒޭޝަން ކޮމިޓީގެ ފަރާތުން މިއަދު ހައުންސިންގ މިނިސްޓްރީގެ ހިތަދޫ އޮފީހުގެ ވެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރައްވައިފިއެވެ.

މިބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ހައުންސިންގ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ މަސައްކަތްތައް ތަންފީޒު ކުރުމުގައި އެއިދާރާއިން މިހާރު ކަންކަން ރާވައި ހިންގަމުންދާ ގޮތް ދެނަގަތުމަށާއި، އިދާރީ މަސައްކަތްތަކާއި އޮފީހުގެ އޮނިގަނޑު އެކުލެވިފައިވާ ގޮތް ބަލައި، ދިމާވެފައިވާ ގޮންޖެހުންތަކާއި އޮފީސް ހިންގުމުގައި މިހާރުގެ ހާލަތު ދެނަގަނެ، އަދި މިނޫންވެސް މިފަދަ މަޢުލޫމާތު ހޯދައި، ވެރިކަން ބަދަލުވެގެންދާއިރު ވީހާވެސް އޮމާންކަމާއެކު، އެއްވެސް ޚިދުމަތަކަށް ބުރޫ ނާރާނެހެން ވެރިކަން ބަދަލުވެގެން ދިޔުމަށްޓަކައި އެއްކުރަންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ފެށުމެވެ.

މިބައްދަލުވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން މަޢުލޫމާތު ދެއްވީ އައްޑޫ ޑިޕާޓްމަންޓުގެ އެގްޒެކެޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހައިރުއެވެ.

ވެރިކަން ބަދަލުވުމުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޑީސެންޓްރަލައިޒޭޝަން ކޮމިޓީގެ ފަރާތުން ވަނީ މިއަދު ޕަބްލިކް ވޯކްސް ސާވިސެސްއާވެސް ބައްދަލުކޮށްފައެވެ. އަދި މާދަމާ ހައުންސިންގ މިނިސްޓްރީ ފޭދޫ ،ހުޅޫދޫ އަދި މީދޫގެ އޮފީސްތަކަށް ޒިޔާރަތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޑީސެންޓްރަލައިޒޭޝަން ކޮމިޓީގެ ފަރާތުން އެއްކުރެވޭ މަޢުލޫމާތުގެ ރިޕޯޓް އަންނަ މަހު އިންތިޚާބީ ރައީސްގެ އޮފީހަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. 8 މެމްބަރުން ހިމެނޭ މި ކޮމިޓީގެ އިސްކޮށް ހުންނަވާ ބޭފުޅަކީ މޭޔަރ އަބްދުﷲ ޞާދިޤްއެވެ.