އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަޖިލިސް އިންތިޚާބުގައި އައްޑޫސީޓީގެ ދާއިރާތަކަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި

1 ނޮވެމްބަރ 2018     2 years ago


މަޖިލިސް އިންތިޚާބުގައި އައްޑޫސީޓީގެ ދާއިރާތަކަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި

2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި އައްޑޫސިޓީގެ އިންތިޚާބީ ދާއިރާތަކަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން މިއަދު އިލެކްޝަންސް ކޮމިޝަންގެ ޓީމެއް ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

އަންނަ އަހަރުގެ މަރޗް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އައްޑޫސިޓީގެ ދާއިރާތަކަށް ގެންނަންޖެހޭ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމުގައި، ކޮމިޝަންގެ މެމްބަރު އަޙްމަދު އަކްރަމާއި އިތުރު ދެ ބޭފުޅުން ހިމެނެއެވެ.

މިބައްދަލުވުމުގައި ހުޅުދޫ އަދި މީދޫ ވަކި ދެ ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުމަށާއި، މަރަދޫފޭދޫ އަދި ފޭދޫގެ ވަކި ބައެއް އެކުލެވޭހެން އިތުރު އެއް ދާއިރާ އުފެއްދުމަށް މަޝްވަރާކުރެވުނެވެ. މިހާރު އޮންނަގޮތުން މީދޫ އަދި މަރަދޫފޭދޫ އެއްކޮށް އެއީ ވަކި ދާއިރާއެކެވެ. މީގެ އިތުރުން ހިތަދޫއަށް އިތުރު ދާއިރާއެއް އުފެއްދުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ.

ކައުންސިލާއި އިލެކްޝަން ކޮމިޝަނާއި ދެމެދު ކުރެވުނު މަޝްވަރާތަކުގައި ނިންމުނު ކަންކަމާއި ގުޅޭގޮތުން ރައްޔިތުންނާއެކު ހިޔާލު ހޯދުމުގެ ބައްދަލުވުންތަކެއް މިރޭ އަދި މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.