އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އާ އުންމީދާއެކު އައްޑޫގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް

16 ނޮވެމްބަރ 2018     5 years ago


އާ އުންމީދާއެކު އައްޑޫގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް

މާޔޫސްކަމާއި ހިތްދަތި ކަމުގެ 5 އަހަރުގެ ތަޖުރިބާ މާޒީއަށް ދޫކޮށްލާފައި ދިވެހިން އާ ސަފުހާއަކުން އުފާވެރިކަމުގެ ދުވަސްތަކެއް ފަށަނީއެވެ. ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަކީ އެދުވަހެވެ. ދިވެހި ޖުމްހޫރިއްޔަތުގެ އާ ފެށުމެއް ފެށޭ ދުވަހެވެ.

އައްޑޫ ރައްޔިތުންގެ އުންމީދަކީ އައްޑުއަކީ، އުފެއްދުންތެރި، ވިލުންވެރި ދިރިއުޅެން ފަސޭހަ ސިޓީއަކަށް އައްޑޫ ވުމެވެ.

އައްޑޫގެ ތަރައްޤީއަށް ގިނަކަންތައްތަކެއް އާ ސަރުކާރުގެ މެނިފެސްޓޯގައި  ހިމަނާފައިވެއެވެ. އޭގެ ތެރޭގައި، ސަތޭކަ ދުވަހަށް އަމާޒުކުރެވޭ ބޮޑެތި ކަންތައްތައްވެސް ހިމެނެއެވެ. އާ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި، އައްޑޫގައި ބޯހިޔާވަހިކަމާއި އިޤްތިސާދީ މަސައްކަތް ހިންގުމަށް ބިން ހިއްކަން ފެށުމާއި، ދައުލަތުގެ ބޭނުންތަކަށް ނެގި ގޯތިތައް ހަވާލުކުރުމާއި، އަލަށް ގޯތި ދިނުމަށް މަގު ފަހިކޮށްދިނުމާއި، ހަވާލު ނުކުރެވި ހުރި ފްލެޓްތައް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ހައްގު ފަރާތަކަށް ހަވާލު ކުރުން ހިމެނެއެވެ.

އައްޑޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ފެށުމުގެ މައި މަޝްރޫއު ފެށުމާއި، މަގުތައް ސާފުކުރުމާއި މަރާމާތުކޮށް ރަނގަޅަށް ބެލެހެއްޓޭނެ ރަނގަޅު އިންތިޒާމެއް ހަމަޖެއްސުމާއި، ޓާރޝަރީ ހަސްފަތާލުގެ ޚިދުމަތް ފެށުމާއި، ސިއްހީ މަރުކަޒުތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، އައްޑޫގައި އާ ޕްރައިވެޓް ހޮސްޕިޓަލެއްގެ މަޝްރޫއު ފެއްޓުން ހިމެނެއެވެ.

ހިތަދޫ އެޅަދީދީ މަގާއި އައްޑޫ ލިންކްރޯޑް ރީ ސަރފޭސް ކުރުމާއި، މަރަދޫ އިން ފެށިގެން ގަމާ ހަމައަށް ބޮޑުމަގު މަރާމާތު ކުރުމާއި، އައްޑޫގެ ބަނދަރުތަކުގެ ހަލާކުވެފައިވާ އެއްގަމުތޮށި މަރާމާތު ކުރުން ހިމެނެއެވެ. މީގެ އިތުރުން މަސްވެރިކަމާ ގުޅޭ ހުއްދަތަކާއި، ވިޔަފާރި ހުއްދަތައް ސިޓީ ކައުންސިލުން ދުވަހުން ދުވަހަށް ދެވޭގޮތް ހެދުން ހިމެނެއެވެ.

ސިޔާސީ ތަޖުރިބާކާރުން ވިދާޅުވާގޮތުގައި އާ ސަރުކާރެއް އުފެދިގެން އަންނައިރު ރައްޔިތުން އެސަރުކާރެއް މިނެކިރާނީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިނގާ ކަންތައްތަކަށް ބެލުމަށް ފަހުގައެވެ. މިއީ އެމެރިކާގައިވެސް މިކަން ހިނގާ ގޮތެވެ. މީޑިއާތަކުގެ ފޯކަސް ހުއްޓެނީވެސް މިކަމަށެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހު ހާސިލްކުރިކަންތައް ޓައިމް މެގަޒިން އިން ގެނެސްދީފައި ވެއެވެ.

"ލަނޑުދަނޑި ހާސިލްކުރުމަށް ކަނޑައަޅާފައިވާ ކަންކަން ހާސިލްކުރެވޭނެ. ރައްޔިތުން ކުރި އިތުބާރު ދަމަހައްޓާނެ" އެމްޑީޕީ ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމުގައި މަސައްކަތް ކުރީ މި އުސޫލުން ކަމަށާއި، 100 ދުވަހުގެ ތެރޭގައި ކުރެވޭނެ ކަންތައްތައް ކަނޑައަޅައި އެމަސައްކަތް ކުރި ކަމަށެވެ. އަދި އިންތީޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް މިމަސައްކަތް އެ ގޮތަށް ކުރިއަށްދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެހެންކަމުން އައްޑޫއަށް އަންނަން އުޅޭ ތަރައްޤީ ދެކެން ކެތްމަދުވެފައިވާ އެތައް ބަޔަކަށް މިއީ ލިބިގެންދާނެ އުފާވެރި ޚަބަރެކެވެ. ނޮވެމްބަރު މަހުގެ ކުރީކޮޅު އައްޑުއަށް ކުރެއްވި 3 ދުވަހުގެ ދަތުރުފުޅުގައި ފޭދޫގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އައްޑޫ އަށް ބޭނުންވާ ބައެއްކަންކަމުގެ ތަފްސީލް ދެއްވާފައެވެ. އެހެންކަމުން އުފެއްދުންތެރި، ވިލުންވެރި ދިރިއުޅެން ފަސޭހަ ސިޓީއަކަށް އައްޑޫ ހެދުމުގެ ގިނަ މަސައްކަތްތަކެއް އޮތީ ކުރިއަށެވެ.