އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރައީސް އަދި ނައިބު ރައީސް މަޤާމުގެ ހުވާ ކުރައްވައިފި، ތާރީޚީ ދުވަހެއް

18 ނޮވެމްބަރ 2018     5 years ago


ރައީސް އަދި ނައިބު ރައީސް މަޤާމުގެ ހުވާ ކުރައްވައިފި، ތާރީޚީ ދުވަހެއް

ދިވެހި ދެވަނަ ޖުމްހޫރިއްޔާގެ ހަތް ވަނަ ރައީސްގެ މަޤާމަށް އިބްރާހިމް މުޙައްމަދު ޞާލިޙް އަދި ރައީސުލް ޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް ފައިސަލް ނަސީމް  ހުވާކުރައްވައި މަޤާމާ ހަވާލުވެވަޑައިގެންފިއެވެ.

ތާރީޚީ ހުވައިކުރުމުގެ މިރަސްމިއްޔާތަކީ 1983 ވަނަ އަހަރު އޭރުގެ ރައީސްކަމަށް ހުވައި ކުރެއްވި މައުމޫން އަބްދުލް ޤައްޔޫމުގެ ހުވައި ކުރުމުގެ ރަސްމިއްޔާތަށްފަހު އާންމުންނަށް ހުޅުވާލެވިގެން ބޮޑު ތަނެއްގައި ރަސްމިއްޔާތު ބޭއްވުނު ފުރަތަމަ ފަހަރެވެ. މިފަހަރު ހުވައިކުރުމުގެ ރަސްމިއްޔާތު އޮތީ ގަލޮޅު ދަނޑުގައެވެ. ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށް އިންތިޚާބުވެ ވަޑައިގެންނެވި 'ރައްޔިތުންގެ ރައީސް' ގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަކީ އެތަކެއް ހާސް ދިވެހި ރައްޔިތުންނެއް ކެތްތެރިކަމާއެކު އިންތިޒާރުކުރަމުން އައި ހަފްލާއެކެވެ.

މިފަހަރުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ދުނިޔޭގެ 46 ޤައުމެއްގެ، މަތީ ފެންވަރުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ ތެރެއިން ޤައުމެއްގެ އިސްވެރިޔެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތް ހަމައެކަނި ބޭފުޅަކީ އަވަށްޓެރި އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ މަޤާމުގެ ހުވައިކުރެއްވުމަށްފަހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ ޤައުމާ މުޚާތަބުކޮށް ތަޤުރީރު ކުރައްވަވާފައެވެ. ރައީސްގެ ތަޤްރީރުގައި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރުމަށް ކަނޑައަޅާފައިވާ ލަޑުދަނޑިތަކަށް އަލި އަޅުއްވައި ވާހާކަފުޅު ދެއްކެވިއެވެ. ރައީސް ފާހަގަ ކުރެއްވެވި ބައެއް ލަޑުދަނޑިތަކުގެ ތެރޭގައި، ކަރަންޓުގެ އަގު  ހެޔޮ ކުރުމާއި، ފުރަތަމަ ޑިގްރީއާއި ހަމަޔަށް ހިލޭ ކިޔެވޭނެ ފުރުސަތު ފަހިކޮށްދިނުމާއި، ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ފަރާތްތަކުން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުން ހުއްޓާލުމާއި، ޕެންޝުން ފަންޑުގައި ހުރި ފައިސާއިން ހައްޖުގެ އަޅުކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުންފަދަ ވައުދުތައް ވަނީ ވެވަޑައިގަންނަވާފައެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް މިހާރު ރައީސް އޮފީހުން ވަނީ އާންމުންނަށް ފެންނާހެން އާންމުކޮށްފައެވެ. ލިންކް