އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގެ ތަރައްޤީއަށް ރާއްވަވާފައިވާ ކަންކަން ވީހާވެސް އަވަހަކަށް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

19 ނޮވެމްބަރ 2018     5 years ago


އައްޑޫގެ ތަރައްޤީއަށް ރާއްވަވާފައިވާ ކަންކަން ވީހާވެސް އަވަހަކަށް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި އައްޑޫ ސިޓީއަށް ތަފާތު އެކި ތަރައްޤީގެ މަޝްރޫޢުތައް ރާއްވަވާފައިވާކަމަށާއި، އައްޑޫ ސިޓީ ކައުންސިލުން ހުށަހެޅިކަންކަން ވީހާވެސް އަވަހަކަށް  ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.  އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިސަރުކާރުން ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް އިސްކަންދެއްވާކަން ފާހަގަކުރައްވަމުން ސަރުކާރުގެ ސިޔާސަތު އިސްލާޙުކޮށް ސިޓީ ކައުންސިލްތައް ބާރުވެރިކުރުވުމަށް ބާރު އަޅުއްވާނެކަމުގައި ވިދާޅުވިއެވެ. އަދި އައްޑޫސިޓީ ކައުންސިލަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ނަމޫނާ ސިޓީ ކައުންސިލަކަށް ހައްދަވަން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯ އެކުލަވާލެއްވިއިރު އައްޑޫސިޓީ އަށް ޚާއްސަ ވައުދުނާމާއެއް އެކުލަވާލައްވާފައިވާ ކަމަށާއި އައްޑުއަށް ވެފައިވާ ވައުދުތައް މިހިނދުން މިހިނދަށްވެސް ފަށްޓަވަން މަސައްކަތްކުރައްވާ ކަމުގައެވެ. އަދި ރިޔާސީ ދައުރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި އޭގެތެރޭން ނުފެއްޓި އެއްވެސް ކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި އެމަނިކުފާނު މި ދެއްވި ޔަގީންކަން މަޖިލިސް މެމްބަރުންނާއި ސިޓީ ކައުންސިލްގެ މެމްބަރުން ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

 މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ދެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުން ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާގައި، އައްޑޫ ސިޓީގެ ތަރައްޤީއަށް ނުކުރެވި ހުރިކަންކަން ފާހަގަކުރައްވައި، އައްޑޫ ސިޓީގެ ތަރައްޤީއަށް ރާއްވަވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވައިލައްވާފައިވެއެވެ. މީގެ ތެރޭގައި، ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް އައްޑޫ ސިޓީއިން ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް އައްޑޫ ސިޓީގެ ކައުންސިލް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ.

އައްޑޫ ސިޓީ ކައުންސިލް މެންބަރުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލުތައް ބާރުވެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް މި ބައްދަލުކުރެއްވުމުގައި ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، މަގުތަކުގެ ހާލަތުގެ އިތުރުން ތަޢުލީމީ ދާއިރާ އާ ބެހޭގޮތުން މަޝްވަރާކުރައްވައި މި ސަރުކާރުން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ތަމްސީލްކުރައްވާ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.