އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގެ ތިމާވެއްޓާއި ދަތުރުފަތުރުގެ ޚިދުމަތާއި ގުޅޭގޮތުން މިނިސްޓްރީތަކާ މަޝްވަރާކޮށްފި

22 ނޮވެމްބަރ 2018     5 years ago


އައްޑޫގެ ތިމާވެއްޓާއި ދަތުރުފަތުރުގެ ޚިދުމަތާއި ގުޅޭގޮތުން މިނިސްޓްރީތަކާ މަޝްވަރާކޮށްފި

އައްޑޫސިޓީގެ ތިމާވެއްޓާއި ދަތުރުފަތުރުގެ ޚިދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ޑރ. ހުސައިން ޚަލީލާއި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އައިޝަތު ނަހުލާއާއި ކައުންސިލުން މިއަދު ބައްދަލުކުރައްވައިފިއެވެ. މިދެބައްދަލުވުން ކުރިޔަށް ގެންދެވުނީ ވަކި ވަކިންނެވެ.

މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ޑރ. ހުސައިން ޚަލީލާއެކު ބޭއްވުނު ބައްދަލުވުމުގައި އައްޑޫގެ ތިމާވެށީގެ ނާޒުކަން ފާހަގަކޮށް، އައްޑޫގެ ބައެއް ސަރަހައްދުތަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަޝްވަރާކުރެވުނެވެ. މިބައްދަލުވުމުގައި އިތުރަށް އަލި އަޅުވައި ވާހަކަ ދެކެވުނު ކަންކަމުގެ ތެރޭގައި އައްޑޫ ނޭޗާ ޕާކް ރަނގަޅުގޮތެއްގައި ހިންގުމާއި، ކުނި މެނޭޖް ކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމް ކުރުމުގެ މުހިންމު ކަމާއި، އިންސިނިރޭޓާ ބެހެއްޓުމާއި، އަވިން ހަކަތަ އުފެއްދުން އިތުރު ކުރުން ހިމެނެއެވެ.

އެންވަޔަރަމަންޓް މިނިސްޓަރާއެކު ބޭއްވުނު ބައްދަލުވުމަށްފަހު ކައުންސިލުން ވަނީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އައިޝަތު ނަހުލާއާއި ބައްދަލުކޮށް އައްޑޫގެ ދަތުރުފަތުރުގެ ޚިދުމަތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިމަޝްވަރާގައި އެއްގަމާއި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، އުޅަނދުތަކުގެ ރަޖިސްޓްރީގެ ކަންކަން ހިނގާގޮތް ބަލައި ހަރުދަނާކޮށް، މަގުމަތީގެ ރައްކާތެރިކަމަށްޓަކައި ގާއިމް ކުރަންޖެހޭ ރޯޑް އިންފްރާސްޓްރަކްޗަރ ރަނގަޅުކުރުމާއި ގުޅޭގޮތުން ވާހަކަ ދެކެވުނެވެ.