ޕަބްލިކް ސަރވިސް މީޑިއާ ގެ ޓީވީ މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ކުރިޔަށްގެންދިޔުމަށް ރޭވިފައިވާ " މޯލްޑިވިއަން އައިޑަލް ސީޒަން 2" ގެ އޮޑިޝަން އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާތީ އެކަމަށްޓަކައި ވާން ޖެހޭ ތައްޔާރީތަކާއި ގުޅޭ ގޮތުން އައިޑޮލް ޓީމްގެ ފަރާތުން އައްޑޫސިޓީ ކައުންސިލާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އައްޑޫސިޓީ ކައުންސިލް އިދާރާގައި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކުރިޔަށް ގެންދެވުނު މި ބައްދަލުކުރެއްވުމުގައި އައިޑަލްގެ އޮޑިޝަން އައްޑޫގައި ބާއްވާނެ ތަނެއް ހަމަޖެއްސުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ. އެގޮތުން އެފަދަ އޮޑިޝަނެއް ބާއްވަން އެންމެ އެކަށީގެންވާ ތަންތަނާއި ގުޅޭ ގޮތުން ކައުންސިލްގެ މަޝްވަރާ ވަނީ ހޯއްދަވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި އައިޑަލް ޓީމްގެ ފަރާތުން ވަނީ އައްޑޫސިޓީ ކައުންސިލުން ދެއްވާ އެހީތެރިކަމަށާއި އައްޑޫގެ ރައްޔިތުންގެ ފަރާތުން ލިބިލައްވާ ގާތްކަމަށް ޝުކުރު ދަންނަވާފައެވެ.
މޯލްޑިވިއަން އައިޑަލްގެ މިފަހަރުގެ އޮޑިޝަން ދެކުނުން އައްޑޫ ސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އައްޑޫސިޓީގެ އޮޑިޝަން ކުރިއަށްދާނީ އޮކްޓޯބަރ 8 އަދި 9 ވަނަ ދުވަހުއެވެ.