އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫ ޓީމް ހޯދި ކާމިޔާބީ ފާހަގަކޮށް ކައުންސިލުން ޚާއްސަ ހަފްލާއެއް ބާވައިފި

27 ސެޕްޓެމްބަރ 2016     4 years ago


ފޭދޫ ޓީމް ހޯދި ކާމިޔާބީ ފާހަގަކޮށް ކައުންސިލުން ޚާއްސަ ހަފްލާއެއް ބާވައިފި

މިނިވަން ޗެމްޕިއަންޝިޕް 2016ގެ ޒޯން އަށެއްގެ ޗެމްޕިއަންކަން ފޭދޫ ޓީމް ހޯދުމާއި ގުޅިގެން އެކަން ފާހަގަކޮށް އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ޚާއްސަ ހަފްލާއެއް ބާވައިފިއެވެ.

ހޯމަ ދުވަހުގެރޭ ފޭދޫ އަވަށު އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި އައްޑޫސިޓީ މޭޔަރ އަލްފާޟިލް އަބުދުﷲ ސޯދިޤު ވަނީ ޖެހިޖެހިގެން ދެއަހަރު ފޭދޫ ޓީމް ހޯދި ކާމިޔާބީ ފާހަގަކޮށް އެޓީމަށް މަރުހަބާ ދަންނަވާފައެވެ. އަދި ދެން އޮންނަ މުބާރާތަކުންވެސް އެޓީމް ކާމިޔާބު ހޯދުމަށް ގަދަ އަޅާ މަސައްކަތްކުރުމަށާއި މިފަދަ ކަންކަމުގައި ކައުންސިލަށް ވެދެވެން އޮތް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

މޭޔަރގެ ވާހަކަފުޅުގައި އައްޑޫސިޓީގެ ފުޓްބޯޅަ މިވަގުތު ހުރި ހިސާބުން ދެން ކުރިއަށް ގެންދިއުމަށްޓަކާ ޕްލޭންތަކެއް އެކަށައަޅަންޖެހޭކަން ފާހަގަ ކުރައްވާ އެކަމުގައި ސިޓީ ކައުންސިލުން މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށްވަނީ ވިދާޅުވެފައެވެ. އެގޮތުން ސްޕޯޓްސް އެކަޑަމީއެއް ގާއިމް ކުރުމާއި ގުޅޭގޮތުން ޔޫތް މިނިސްޓްރީއާއި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

ކުރީގެ ގައުމީ ފުޓްބޯޅަ ޗެމްޕިއަން ޑީއެންސީން ވިދާލި ކުޅުންތެރިންވެސް ބައިވެރިވެ ވަޑައިގަތް މިހަފްލާގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އާއި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ފަރާތުންވެސް ބައިވެރިވެޑައިގެންފައިވެއެވެ.

ނިމިގެން ދިޔަ މިނިވަން ޗެމްޕިއަންޝިޕްގެ އަތޮޅު މުބާރާތާއި ޒޯން މުބާރާތުން ފޭދޫ ޓީމް ހޯދާފައިވާ ދެ ތަށިވެސް އެޓީމްގެ ފަރާތުން ވަނީ މިބައްދަލުވުމުގައި ކައުންސިލް އިދާރާއާއި ހަވާލުކޮށްފައެވެ.