އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނެއިބަރހުޑް ސަޕޯރޓު އޮފިސަރުންގެ މަސައްކަތް ފެށުމަށްޓަކައި ޕޮލިހުން ކައުންސިލާ މަޝްވަރާކުރައްވައިފި

3 ޖެނުއަރީ 2019     5 years ago


ނެއިބަރހުޑް ސަޕޯރޓު އޮފިސަރުންގެ މަސައްކަތް ފެށުމަށްޓަކައި ޕޮލިހުން ކައުންސިލާ މަޝްވަރާކުރައްވައިފި

އައްޑޫގައި ނެއިބަރހުޑް ޕޮލިސް އޮފިސަރުންގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާގުޅޭ ގޮތުން ޕޮލިހުން ކައުންސިލާ އިއްޔެ ބައްދަލުކޮށް މަޝްވަރާކުރައްވައިފިއެވެ.

ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަހްމަދު ޝިފާއުއާއި ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ސޮބާހުއާއި ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޢަބްދުﷲ ކައުންސިލާ ބައްދަލުކުރައްވައި، އައްޑޫގައި ނެއިބަރހުޑް ސަޕޯރޓް އޮފިސަރުން ތަޢާރަފްކޮށް މަސައްކަތް ފެށުމަށްޓަކައި ޕޮލިހުން ރާއްވަވާފައިވާ ގޮތުގެ ޕްލޭނާއި، މިމަސައްކަތް ފެށުމުން އާންމުންނާ ވީހާވެސް ގުޅިލާމެހިގެން ޚިދުމަތް ދެވޭނެ ގޮތާއި ގުޅޭ ގޮތުން ކައުންސިލާ ވަނީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ޕޮލިހުން މަޢުލޫމާތުދެއްވި ގޮތުގައި އައްޑޫގައި ނެއިބަރަހުޑް ސަޕޯރޓް އޮފިސަރުންގެ މަސައްކަތް ފެށުމަށްޓަކައި ދިމާވާނެ ކަންކަން ދެނެގަތުމަށާއި މަސައްކަތް ރާވައި އެކުލަވާލުމުގެ ގޮތުން ނުރަސްމީ ގޮތެއްގައި އެންމެ ފުރަތަމަ ފަށާނީ މަރަދޫ އަދި ފޭދޫ އަވަށުގައި ކަމަށެވެ. އެއަށްފަހު ދިމާވާ ދަތިތަކާއި މައްސަލަތަކަށް ބަލައި މަސައްކަތް ރޭވުމަށްފަހު މުޅި އައްޑޫއަށް ރަސްމީ ގޮތެއްގައި ޚިދުމަތް ފެށުމަށް ޕޮލިހުން ރާއްވަވާފައިވާ ކަމަށެވެ.

ނެއިބަރހުޑް ސަޕޯރޓް އޮފިސަރުންގެ މަސައްކަތް ފެށުމުން އާންމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތަކާއި ކުށްތައް ދެނެގަނެ ހައްލު ހޯދައި، މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އަޅައި އާންމު މުޖުތަމައު ވީހާވެސް އަމާންކޮށް ބޭއްވުމަށް ފަސޭހަވާނެ ކަމަށް ޕޮލިހުން މަޢުލޫމާތު ދެއްވައެވެ.

ނެއިބަރހުޑް ސަޕޯރޓް އޮފިސަރުންގެ މަސައްކަތް މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި މިހާރު ވަނީ ފަށާފައެވެ.