ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) ގެ ފަރާތުން ފަންޑު ހޯދުމަށް ރާއްޖޭގެ ތިމާވެށްޓަށް މިވަގުތު އެންމެ އިސްކަމެއް ދީގެން ހައްލުކުރަން ޖެހޭ ކަންކަން ދެނަގަތުމަށް ސްޓޭކްހޯޑަރުންނާއެކު ބާއްވާ ވޯކްޝޮޕެއް ފެށިގެން ކުރިއަށް އެބަދެއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ރާވައިގެން މޭލޭގައި ކުރިއަށްދާ މިވޯކްޝޮޕުގައި އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ފޭދޫ ދާއިރާގެ ކައުންސިލަރ އަލީ ފަހުމީ ބައިވެރިވެވަޑައިގަންނަވައެވެ.
ދެދުވަހުގެ މުއްދަތައް ކުރިއަށްދާ މިވޯކްޝޮޕުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ބޭފުޅުންނާއި ޖީސީއެފް އަދި ބޭރުގެ އެކްސްޕާޓުން 'ގީސީއެފް ރެޑިނެސް ޕްރޮޖެކްޓް' އާއި ގުޅޭގޮތުންނާއި ރާއްޖޭގެ ތިމާވެށީގެ ނާޒުކަމާއި މިހާރުގެ ހާލަތާއި ޖީސީއެފް އަކީ ކޮބައިކަމާ ރާއްޖޭގައި ޖީސީއެފް ފަންޑުން ހިންގިދާނެ ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވާނެވެ.
އައްޑޫސިޓީގައި ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައި މިންވަރު ބަލައި އެސަރަހައްދުތައް ދެނަގަތުމަށްޓަކައި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ ޓީމަކުން މިހާރުވެސް ދަނީ ސާވޭ ކުރަމުންނެވެ. މިސާވޭގައި އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރެވޭ ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) އަށެވެ.