އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގެ މިސްކިތްތައް ބެލެހެއްޓުމަށް ކައުންސިލުން ވަނީ މަސައްކަތް ފަށާފައި

17 ފެބުރުއަރީ 2019     5 years ago


އައްޑޫގެ މިސްކިތްތައް ބެލެހެއްޓުމަށް ކައުންސިލުން ވަނީ މަސައްކަތް ފަށާފައި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބަލަހައްޓަވަމުންގެންދެވި އައްޑޫސިޓީގެ މިސްކިތްތައް ފޮޅާސާފުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރެވުމާ ގުޅިގެން އެމަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުމަށްޓަކާ ކުރަންޖެހޭ ކަންކަން ކައުންސިލުން ގެންދަނީ ކުރަމުންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ ބައްދަލުވުމުގައި ވެވުނު މަޝްވަރާގެ މަތިން ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ށ) އިން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން މިސްކިތްތަކާއި ޤަބުރުސްތާނުތައް ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންކަން ހަމަޖައްސައި އެޚިދުމަތްތައް ފޯރުކޮށްދިނުން ކައުންސިލްގެ ބެލެމުގެ ދަށަށް ވަނީ ބަދަލުކުރެވިފައެވެ. މިކަންއަންގައި އިސްލާމިކް މިނިސްޓްރީން ކައުންސިލަށް މިއަހަރުގެ ޖަނަވަރީ މަހު ވަނީ ސިޓީ ފޮނުއްވާފައެވެ.

އިސްލާމިކް މިނިސްޓްރީން ބަލަހައްޓަވަމުން ގެންދެވި މަސައްކަތްތައް ކައުންސިލަށް ބަދަލުވިނަމަވެސް އެމިނިސްޓްރީގެ މެންޑޭޓުން އައްޑޫސިޓީ ކައުންސިލަށް ބަދަލުވި މުވައްޒަފުންނާއި ޚިދުމަތްތަކުގެ ބަޖެޓް ކައުންސިލަށް ބަދަލުކުރެވުނުއިރު، ބައެއް ކަންކަމުގެ ޚަރަދު ނުވަތަ އެކަންކަން ހަމަޖައްސާނެގޮތެއް ސާފުނުވެއެވެ.

މިސްކިތްތައް ބެލެހެއްޓުން އައްޑޫސިޓީ ކައުންސިލާ ހަވާލުކުރިއިރު، މިސްކިތްތަކުގެ ކަރަންޓުފީ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސާދެއްވާފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ. ދިގުމުއްދަތަށް އެގްރިމެންޓްކުރެވިގެން ފޮޅާސާފުކޮށް ބަލަހައްޓަމުންގެންދެވި 39 މިސްކިތް ބަލަހައްޓަން ފައިސާ ދެއްވާފައެއް ނުވެއެވެ. އެ ފަރާތްތަކާ އެކު ވެފައިވާ އެގްރިމަންޓްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން މިމަހުގެ ނިޔަލަށް ވަނީ އުވާލައްވާފައެވެ.

މިސްކިތްތަކުގެ ކަރަންޓު ބިލު ދެއްކުމުގެ ފައިސާ ބަޖެޓުގެތެރޭގައި ހިމެނިފައި ނުވާތީ ކަރަންޓު ބިލު ދެއްކުމަށް ބޭނުންވާ ބަޖެޓް ހަމަޖައްސަވައިދެއްވުން ނުވަތަ ކަރަންޓު ބިލު ދެއްކުމަށް ހަމަޖައްސަވާފައިވާގޮތެއް ސާފުކޮށްދެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސް ގައި ކައުންސިލުން ވަނީ އެދިފައެވެ. މިސްކިތްތައް ދިއްލުމަށް ބޭނުންވާ ތަކެތި ހޯދުމަށް ބޭނުންވާ ފައިސާ ބަޖެޓުގެތެރޭގައި ހިމެނޭތޯއާއި ނުހިމެނޭނަމަ އެކަމަށް ބޭނުންވާ ބަޖެޓް ހަމަޖައްސަވައި ދެއްވުމަށްވެސް ވަނީ ދަންނަވާފައެވެ. އައްޑޫސިޓީގެ ބައެއް މިސްކިތްތަކުގައި ވުޟޫކުރާ އިސްކުރުބަރިތަކަށް ސަޕްލައިފެން ގުޅާފައިވާތީ ފެން ބިލު ދައްކަންޖެހެއެވެ. ނަމަވެސް މި ފައިސާ ބަޖެޓުގެތެރޭގައި ހިމެނިފައި ނުވާތީ ފެން ބިލު ދެއްކުމަށް ބޭނުންވާ ބަޖެޓް ހަމަޖައްސަވައިދެއްވުން ނުވަތަ ފެން ބިލު ދެއްކުމަށް ހަމަޖައްސަވާފައިވާގޮތެއް ސާފުކޮށްދެއްވުމަށްވެސް ފިނޭންސް މިނިސްޓްރީގައި ކައުންސިލުން ވަނީ ދަންނަވާފައެވެ.

މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ބޭނުންވާ މުވައްޒަފުން ނެގުމަށް ކައުންސިލުން ވަނީ މިހާރު އިޢުލާނުކޮށްފައެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މެންޑޭޓުން އައްޑޫސިޓީ ކައުންސިލަށް މިހާތަނަށް ބަދަލުނުވަނީ މިސްކިތްތަކުގެ އިމާމުންނެވެ.