އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސައުވީސް ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

27 ފެބުރުއަރީ 2019     5 years ago


ސައުވީސް ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓުން ނެރުއްވާފައިވާ ސާކިއުލަރ ގައިވާ ގޮތުގެ މަތިން އައްޑޫސިޓީގައި މީހުން ދިރިއުޅޭ ރަށްރަށުގައި މިޚިދުމަތް ދެއްވަން ބޭނުންފުޅޭވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

ސައިހޮޓާތަކާއި ރެސްޓޯރަންޓާއި ކެފޭ އަދި އިމްޕޯޓު މުދަލުގެ ވިޔަފާރި ކުރައްވާ ފަރާތްތަކުގެ ތެރެއިން މިޚިދުމަތް ދެއްވަން ބޭނުންފުޅު ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ފޯމް މެދުވެރިކޮށް ހުއްދައަށް އެދި ހުށަހަޅަން ޖެހޭނީ ކައުންސިލްގެ އިދާރާއަށެވެ.

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ތަނަކީ ބޭރުން ބަލާއިރު ސާފުކޮށް އެތެރެ ފެންނާނެ ގޮތަށް އަލިކުރެވިފައިވާ ތަނަކަން ވާންޖެހެއެވެ. އަދި އެތަނަކީ 24 ގަޑިއިރު ސީސީޓީވީ ކެމެރާ އޮޕަރޭޓްކުރެވޭގޮތަށް ހުރި ތަނަކަށްވުމާއި، އިކޮނޮމިކް މިނިސްޓްރީގެ މަޝްވަރާގެ މަތިން ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި  ހިންގާ ތަނަކަށް ވާންޖެހެއެވެ.

މިޚިދުމަތް ދިނުމަށް އެދި ހުށަހެޅުމުން، އެހުއްދަ ދޫކުރެވޭ ތަނަކީ މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ތަނެއްކަން ބަލައި ކަނޑައަޅާނީ ކައުންސިލުންނެވެ. އަދި އެކަން ކައުންސިލުން މިނިސްޓްރީއަށް އެންގުމުން ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފަރާތުން /-2000 ރުފިޔާގެ ފީއެއް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހެއެވެ. ހުއްދަ ދެވޭ މުއްދަތަކީ، އެހުއްދަ ދޫކުރާ ތާރީޚުން ފެށިގެން 2 އަހަރުދުވަހެވެ. އަދި ހުއްދަ ލިބޭ ތަންތަނުގައި، އެކަން އަންގައި '24/7' މިހެން ލިޔެފައިވާ ބޯޑެއް ވިޔަފާރިކުރާ އިމާރާތުގެ ބޭރަށް ފެންނާނެހެން ބަހައްޓަން ޖެހެއެވެ.