އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިޖްތިމާއީ މައްސަލަތަކާ ގުޅޭ ގޮތުން ކައުންސިލްގެ ފަރާތުން ޕޮލިހާއި ފެނަކަ އަދި އެމްއާރުޑީސީ ގެ ބޭފުޅުންނާ ބައްދަލުކޮށްފި

4 އޮކްޓޯބަރ 2016     5 years ago


އިޖްތިމާއީ މައްސަލަތަކާ ގުޅޭ ގޮތުން ކައުންސިލްގެ ފަރާތުން ޕޮލިހާއި ފެނަކަ އަދި އެމްއާރުޑީސީ ގެ ބޭފުޅުންނާ ބައްދަލުކޮށްފި

އައްޑޫސިޓީއަށް މިވަގުތު ދިމާވެފައިވާ ބައެއް އިޖްތިމާއީ މައްސަލަތަކާ ގުޅިގެން އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ވާހަކަދެއްކުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކަށް ދައުވަތުދީގެން އައްޑޫސިޓީ ކައުންސިލުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ބައިވެރިވީ، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ފެނަކަ ކޯޕަރޭޝަނާއި އެމްއާރުޑީސީ އެވެ.

ސެޕްޓެމްބަރ 28 ގައި ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤް ފާހަގަ ކުރެއްވި ގޮތުގައި ޖަނަވަރީ މަހުން ފެށިގެން އޮގަސްޓު މަހާ ހަމަޔަށް ކުށްކުރުން ވަރަށް ބޮޑަށް މަދު ވެފައި ވަނިކޮށް ކުއްލިއަކަށް އެފަދަ މައްސަލަތައް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. މިވަގުތު ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލާގައި މަގުތައް އަނދިރިކޮށް އޮންނާތީއާއި ސްޕީޑް ބްރޭކަރުތައް ނެގުމާ ގުޅިގެން އެކްސިޑެންޓްތައް އިތުރުވެގެން ގޮސްފައިވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ، މިފަދަ މައްސަލަތައް ހައްލުކުރެވެން އޮތީ މުއައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތުންނެވެ. ބައެއް ސަރަހައްދުތަކުގައި ކަރަންޓްގެ އަލިކަން ނެތުމުން އަނދިރިކޮށް އޮންނާތީ ޕޮލިހުންނަށް އެބޭފުޅުންގެ ޒިންމާ އަދާކުރުމުގައި ދަތިވާ ސަރަހައްދުތަކުގެ މައުލޫމާތު ކައުންސިލާ ހިއްސާކޮށްދެއްވުމުން އެސަރަހައްދު ތަކުގައި ސްޓްރީޓް ލައިޓް ޖެހުމުގެ މަސައްކަތް ކައުންސިލުން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

ކުށްކުރުމާއި ނުރައްކާތެރި އެކްސިޑެންޓް އިތުރުވެފައިވާ މިދަނޑިވަޅުގައި އެމައްސަލަތައް ހައްލު ކުރަމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޕޮލިހުންގެ ފަރާތުން އައްޑޫސިޓީ ކޮމާންޑް ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު ޢަލީ، ވިދާޅުވިއެވެ. ބައެއް މަގުތަކުގެ ހާލަތު ގޯސްވުމުގެ ސަބަބުން ދުއްވާ މީހުން ދުއްވަން ޖެހޭ ފަޅި ނޫން އަނެއް ފަޅިއަށް އެރުމުންވެސް އެކްސިޑެންޓްތައް ދިމާވެފައި އެބަހުރި ކަމަށް ޕޮލިހުން މައުލޫމާތު ދެއްވިއެވެ. އަދި މިފަދަ ހާދިސާތައް މެދުވެރިވުން މަދު ކުރުމަށްޓަކައި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވުން މުހިއްމުކަމަށާއި އަދި މަގުތަކުގެ ހާލަތު ރަނގަޅުވުން ވެސް މުހިއްމު ކަމުގައި ފާހަގަ ކުރެއްވިއެވެ.

އައްޑޫސިޓީގައި މިފަހަކަށް އައިސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވީ ސްޕީޑް ބްރޭކަރުތައް ނެގުމުން ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ. އެހެންކަމުން ސްޕީޑް ބްރޭކަރުތައް އަލުން އެޅޭނޭ ދުވަހަކާމެދު މި ބައްދަލުވުމުގައި އައްޑޫސިޓީ ކައުންސިލުން ސުވާލު ދެންނެވުމުން އެމް.އާރު.ޑީ.ސީ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ވިދާޅުވީ، ބްރޭކަރުތައް ކޮންކްރީޓް އަޅައިގެން އަލުން ހަރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާ މިވަގުތު މަސައްކަތް މަޑު ޖެހިފައިވަނީ ސިމެންތި ނުލިބިގެންކަމަށެވެ. މީގެއިތުރުން ތާރު އަޅާފައިވާ މަގުތަކުގެ ބައެއް ހިސާބު ތަކުގެ ތާރުގަނޑު ކަނޑާފައިވަނީ އެކި ފަރާތްތަކުގެ މަސައްކަތްތަކަށް ކަމަށާއި އެތަންތަނުގައި އަލުން ތާރު ނޭޅިގެން އުޅެނީ އެމަސައްކަތް ނުނިމިގެން ކަމަށެވެ. ކުރިން ތާރުގަނޑު ކަނޑަނީ ކައުންސިލްގެ ހުއްދަ ލިބިގެން ކަމުގައިވިއަސް މިހާރު އެ ހުއްދަ ދެނީ ހައުސިންގް މިނިސްޓްރީންނެވެ.

މިބައްދަލުވުމަށް ކައުންސިލްގެ ފަރާތުން ހައުސިންގް މިނިސްޓްރީ އަށް ދައުވަތު އެރުވިފައި ވީ ނަމަވެސް އެ މިނިސްޓްރީން މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައިނުވެއެވެ. އެހެންކަމުން އެ މިނިސްޓްރީ ހިމެނޭ ގޮތަށް އަލުން ބައްދަލުވުމެއް ބޭއްވުން މުހިއްމު ކަމަށާއި އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.

 

މި ބައްދަލުވުމުގައި ބައިވެރިވި ފެނަކައިގެ ބޭފުޅުން ވިދާޅުވީ، އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން އައްޑޫސިޓީއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ކަރަންޓު ކެނޑުމު މައްސަލަ ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. ނަމަވެސް މައްސަލަ ހައްލު ކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށާ މައްސަލަ ހައްލުވަންދެން އިންޖީނަށް ލޯޑް ބޮޑުވާ ގަޑީގައި ކަރަންޓް ކަނޑަން ޖެހިދާނެ ކަމަށް ވެސް ވިދާޅުވިއެވެ. މިދިޔަ އަހަރު އައްޑޫއަށް ގެނައި އިންޖީނު މިނިވަން 50 ގެ ހަރަކާތްތަކަށް މާލެ ފޮނުވީ އަލުން ދެ އިންޖީނު ގެންނަން ކަމަށާ، އާ ދެ އިންޖީނު މިހާރު މާލެ ގެނެވިފައިވާކަމަށް ފެނަކައިގެ ބޭފުޅުންވަނީ ވިދާޅުވެފެއެވެ.