އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެއް ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

18 މާރޗް 2019     5 years ago


އައްޑޫގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެއް ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް އެންވަޔަރަމަންޓުގެ ފަރާތުން އައްޑޫގައި ގާއިމުކުރާ ސަރަހައްދީ ފެންވަރުގެ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ މަސައްކަތް ފެށުމަށް ކޮރެއާގެ ކުންފުންޏެއް ކަމަށްވާ 'ލޮޓަސް – ކުންވާ ޖޮއިންޓް ވެންޗަރ' އާއި އެންވަޔަރަމަންޓް މިނިސްޓްރީއާއި ދެމެދު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އައްޑޫސިޓީ ނޭޗަރ ޕާރކުގައި ކުރިއަށްދިޔަ ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިފެސިލިޓީ ގާއިމުކުރުމަށް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ހުސައިން ރަޝީދު ހަސަންއެވެ.

މިއެއްބަސްވުމުގެ ދަށުން އައްޑޫސިޓީ ހިތަދޫގައި ގާއިމުކުރެވޭ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ބޭނުންވާ އިކުއިޕްމަންޓްތައް ޑިޒައިންކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލްކުރުމުގެ މަސައްކަތް ލޮޓަސް ކުންވާ ޖޮއިންޓް ވެންޗަރ ކުންފުންޏާ ވަނީ ހަވާލުކުރެވިފައެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވިގޮތުގައި މިޕްރެޖެކްޓުގެ ސަބަބުން އައްޑޫސިޓީ އަދި ފުވައްމުލަކު ސިޓީއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ. އަދި ކުނިން މަންފާ ހޯދައި މިޕްރޮޖެކްޓުން އެކަން ސާބިތުކޮށްދޭނެ ކަމަށެވެ. އެއީ މިސަރުކާރުގެ ވައުދުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.

އައްޑޫސިޓީއާއި ފުވައްމުލަކުސިޓީ ހިމެނޭ ގޮތަށް ދެކުނުގެ ސަރަހައްދުގައި އުފެދޭ ކުނި މެނޭޖްކުރުމަށް ގާއިމުކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ އަކީ ސަރުކާރުން ނަގާ ގްރީން ޓެކްސް ފަންޑުން ހިންގާ ފުރަތަމަ ޕްރޮޖެކްޓެވެ. މިފެސިލިޓީގައި ވޭސްޓް ޓު އެނަރޖީ ޕްލާންޓެއްވެސް ހިމެނެއެވެ. މިޕްލާންޓަކީ އިންސިނިރޭޓަރ އަކާއި ވޭސްޓް ހީޓް ބޮއިލަރ ގެ އިތުރުން ސްޓީމް ޓަރބައިން އަކާއި އަދިވެސް އިތުރުބައެއް ބައިތައް ހިމެނޭ ގޮތަށް ތައްޔާރުކުރެވޭ ޕްލާންޓެކެވެ.